ޓެކްސީގެ ޚިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރުމަށް 10,000ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އިސްލާހް ގެނެސްފިއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ގެނައި އިސްލާހްގައިވާ ގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ޚާއްޞަކޮށްފައިވާ އުޅަނދުތަކާއި، އާންމު ދަތުރުފަތުރުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ރަޖިސްޓަރީކުރާ އުޅަނދު
ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ގަރާޖުގެ ހުއްދަ ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ޓެކްސީގެ ޚިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރީ ކުރެވޭނީ، ފީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ދެއްކުމުންނެވެ.
މި ދެ ގިންތިއަށް ފެތޭ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީއެއް ބޭނުން ނުވި ނަމަވެސް، އައު ގަވާއިދުގެ ދަށުން އެހެން ހުރިހާ ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެއުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުންނެވެ. އެގޮތުން ގަރާޖެއްގައި އުޅަނދު ބޭއްވުމާ މެދު އެގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހަޅަންޖެހެއެވެ.
ކުރިން އޮތްގޮތުން މިގިންތީގެ އުޅަނދުތައް ރަޖިސްޓަރީ ކުރަން ގަރާޖު ހުއްދަ ނުވަތަ ގަރާޖު ސިޓީ ބޭނުންވެއެވެ.
އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި އެ އުޅަނދު ބާއްވަން ލާޒިމުނުވާ ގޮތަށް ހަދަން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު މީގެ ކުރިން މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާ އިރު، ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް އޮންނާތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގައި ބޮޑެތި އަދަދުތަކުން ގަރާޖު ފީ/ ގަރާޖު ކުލި ނަގަމުންދާ ކަމުގެ މައްސަލަ މީގެ ކުރިންވެސް ފެންމަތިވެފައެވެ. އެގޮތުން ވެހިކަލް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށްވެ، އެކަމުން ސަރުކާރުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވެ، މިއީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް މީގެ ކުރިން ޓްރާސްޕޯޓް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.