ޚަބަރު

ފުރައްސާރަ ކުރިޔަސް ރައީސް ޞާލިހަށް ކެމްޕެއިން ކުރުމުގައި ފަހަތަށް ނުޖެހޭނަން: ފަޒްނާ


  • ހިޔާ ފްލެޓް ސަރަޙައްދަށް ވަޑައިގަތުމުން މެޑަމް ފަޒްނާއަށް ވަނީ ފުރައްސާރަ ކޮށްފައި

  • ފުރައްސާރަ ކުރީ އިދިކޮޅު ދެ މީހުން ކަމަށް ވިދާޅުވި

  • ފުރައްސާރައަށް ޖެހިލުން ނުވިޔަސް އެއީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވި

ފުރައްސާރަ އާއި ގޯނާއާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ކެމްޕެއިން ކޮށްދެއްވުމަށް ހިޔާ ފްލެޓް ސަރަޙައްދަށް އިއްޔެ ހަވީރު ވަޑައިގަތުމުން އިދިކޮޅު ބައެއް މީހުން ފުރައްސާރަ ކުރުމާއެކު އެކަން ހިއްސާ ކުރައްވާ ފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަޒްނާ ހިޔާ ފްލެޓް ސަރަހައްދަށް އިއްޔެ ހަވީރު ވަޑައިގަތުމުން އިދިކޮޅު މީހުން ނުކުމެ ވަނީ ވަރަށް ހުތުރު ބަހުން އެކަމަނާއާ މުޚާތަބުކޮށް، އަޑުގަދަކޮށްފައެވެ. އަދި ބައެއް މީހުން ހަޅޭއްލަވަމުން ފަހަތުން ވެސް ދިޔައެވެ. އެކަމާ ގުޅިގެން ފަޒްނާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެކަމަނާގެ ފަހަތްޕުޅުން ފުރައްސާރަ ކުރަމުން ހިނގީ އިދިކޮޅު ހަރަކާތުގެ ދެ ފިރިހެނަކުކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ދެ މީހުން އެހެން ނޫޅުނު ނަމަ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންނެވިކަން ބަޔަކަށް ނޭނގޭނެ ކަމަށެވެ.

ފަޒްނާ ވިދާޅުވީ އެހުތުރު އަމަލުގެ ސަބަބުން ލިބިވަޑައިގެންނެވީ ފައިދާކަމަށެވެ. އެގޮތުން ޝެޑިއުލްގައި ނެތް ފްލެޓްތަކަށް ވަޑައިގަތުމުގެ ދަޢުވަތު ލިބިވަޑައިގެންނެވިކަމަށެވެ. އަދި އެކަމަނާއަށް ފުރައްސާރަކުރަމުން ދިޔަ ވަގުތުގައި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއަށް ގުޅުއްވިކަމަށެވެ. ޝުޖާއުގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް ނިޔާޒް ގުޅުއްވައި، މެސެޖް ކުރެއްވި ކަމަށާއި މުއިއްޒުގެ ޖަވާބެއް ނުލިބުނުކަމަށެވެ.

ފަޒްނާ ވިދާޅުވީ، އާންމުން ނުކުމެ އެކަމަނާއަށް ބާޣީއަށް ގޮވަނީ ކަމަށް ބުނެ، އިދިކޮޅުން އެކަމުން ރެެކެން އުޅުމަކީ ފިނޑި އަމަލެއް ކަމަށެވެ.

"މި ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑަށް ވީ ފައިދާ. މީހުން އައިސް ސަލާންކޮށް ގައިގައި ފިރުމައި އަޅުގަނޑާ އެކު ފޮޓޯ ނަގަން އެދުނީ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލް ކޮށްފައި ނުވާ ފްލެޓްތަކުން ވެސް ދައުވަތު ލިބުނީ. އެހެން ދާއިރާތަކުގައި ދޮރުންދޮރަށް ހިނގުން ނިމުމުން އެފްލެޓްތަކަށް ދާނަން" ފަޒްނާ އަޙްމަދު ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ މިފުރައްސާރައަށް އެކަމަނާ ޖެހިލުންވެވަޑައިނުގަތަސް އެއީ ސީރިއަސް މައްސަލައެއްކަމަށެވެ. ހާލު ބައްލަވަން މެސެޖު ފޮނުވާ މީހުންނަށް ޝުކުރު އަދާކުރައްވަމުން ފަޒްނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކެމްޕެއިން ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެކަމަށެވެ.

އިންތިޚާބީ މާހައުލުގެ އަމާންކަން ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ޒާތުގެ ކަންކަން ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިވާ ކެންޕޭން ކުރުމުގެ ހައްގަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ކުރުމުގެ ހައްގަށް ހުރަސްއަޅައި ފުރައްސާރަ ކުރުމަކީ، އިންތިޚާބީ ކުށެއް ކަމަށް ހަބީބު ވިދާޅުވިއެވެ.