މިމަހުގެ ތިރީސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީވުމަށް ފަންސަވީސް ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ފޯމް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް މިފަހަރު ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހަވީރު 03:00އިން މިއަދު ހަވީރު 04:00އާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރަތަމަ ދުވަހު އެކަނިވެސް 9206 މީހުން ފޯމް ހުށައަޅާފައިވާކަމަށެވެ. ފުރަތަމަ ދުވަހު އެކަނި އޮންލައިންކޮށް 7267 މީހުން ފޯމް ހުށައަޅަފައިވެއެވެ.
ހަބީބު ވިދާޅުވީ ދެވަނަ ދުވަހު 16287 މީހުން ރީ-ރަޖިސްޓްރީކުރުމަށް ފޯމް ހުށައަޅާފައިވާކަމަށެވެ. ދެވަނަ ދުވަހު އޮންލައިންކޮށް އެކަނިވެސް 11082 ފޯމް ހުށައަޅާފައިވެއެވެ.
ޙަބީބު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ ދެދުވަހުން ޖުމްލަ 25493 ފޯމް ހުށައަޅާފައިވާކަމަށެވެ. އަދި މިހާތަނަށް ފޯމް ހުށައެޅި މީހުންގެތެރެއިން، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓްކޮށްފައިވާކަމަށާއި، ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މަޢުލޫމާތު ފުރިހަމަ ނުވާތީކަން ހަބީބު ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިންގ ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މުޅިން ނުނިމޭތީކަމަށާއި، ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެކަމަށެވެ.
ހަބީބު ވަނީ މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދެން އެފުރުސަތު ލިބުމަކީ ނާދިރުކަމެއްކަން ހަނދާންކޮށްދެއްވާފައެވެ.
އިންތިޚާބުގެ ދެވަނަބުރުގައި 282803 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. އޭގެތެރެއިން 408މީހުންނަކީ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ޒުވާނުންނެވެ.