މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު މިހާރު ޢާންމުކޮށްފައިވާކަމަށެވެ. ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު 408 ޒުވާނުންނަށް މުޅިން އަލަށް ލިބެއެވެ. އެއީ ސެޕްޓެންބަރު 30 ގެ ކުރިން 18 އަހަރު ފުރޭ 196 އަންހެނުންނާއި، 212 ފިރިހެނުންނެވެ. ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282935 މީހުންނަށެވެ. އަދި އަލަށް ވޯޓުލުމުގެ ހައްގު އެބުރުގައި 27 ހާހަށްވުރެ ގިނަ މީހުންނަށް ލިބުނެވެ.
ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީ ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، އެކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއާއި، ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށާއި ތަން ބެލުމަށް، VR ލިޔެފަ ހުސްތަންކޮޅެއް ދޫކޮށްލާފަ އެމީހެއްގެ އައިޑީކާޑު ނަންބަރު ލިޔުމަށްފަހު 1414އަށް އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީގެ ކައުންސިލްތަކުގެ އަވަށު އޮފީސްތަކާއި، ސިޓީ ކައުންސިލް އިދާރާއިންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު ދަރުބާރުގެއިންވެސް ޝަކުވާ ބަލައިގަންނާނެއެވެ.
ޝަކުވާ ފޯމު އެ ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.