އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އާއި ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގައި މަސައްކަތްކުރާ 30 މުވައްޒަފުން, ސްޓަޑީ ޓުއާއަކަށް އިންޑިއަން ދިއުމަށް ނިންމައިިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ މިކަން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މުނޫ މަހާވަރެވެ.
މި ސްޓަޑީ ޓުއާގައި ބައިވެރި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 27 އޮފިސަރުންނާއި ޑާސާގެ 3 މުވައްޒަފުންނެވެ. މި ދަތުރަށް މުވައްޒަފުން ހޮވާފައިވަނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ހިމަނައިގެންނެވެ. މި ޓުއާގައި އިންޑިއާގެ އޭވިއޭޝަން ސެކިއުރިޓީ މަސައްކަތް ކުރާ ގޮތް ގާތުން ބަލާލުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ މުނޫ މަހާވަރު ވިދާޅުވީ އިންޑިއާއަކީ މިވަގުތު ސިވިލް އޭވިއޭޝަންގެ ދާއިރާ އެންމެ ހަލުވިމިނުގައި ކުރިއަރާ ގައުމު ކަމަށެވެ. އެހެންކަމުން މި ތަޖުރިބާ ދަތުރުގެ ސަަބަބުން ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރައިގައި މަސައްކަތްކުރާ ފަރާތްތަކަށް ފައިދާ ކުރާނެކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފަދަ އިތުރު ފުރުޞަތުތައް ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެކަމަށް އުންމީދު ކުރަން. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާއގެ ބައިވެރިންނަށް ކަންތައްތަކެއް ދަސްކޮށްދެވޭނެ."އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ މުނޫ މަހާވަރު ވިދާޅުވިއެވެ.
ސަރުކާރުން ބުނީ މި ތަޖުރިބާ ދަތުރުގެ ބޭނުމަކީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރަން ތިބޭ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރު ކުރުންކަމަށެވެ. އަދި ދާއިރާއިން ލިބިފައިވާ މައުލޫމާތު އިތުރުކޮށް ގުޅުންތައް ހަރުދަނާ ކުރުމަކީވެސް މި ދަތުރުގެ ބޭނުމެއްކަމަށެވެ.
ޓުއާގެ ބައިވެރިން މާދަމާ އިންޑިއާއަށް ފުރާނެކަމަށާއި އަދި މިއީ 8 ދުވަހުގެ ޓުއާއެއްކަމަށްވެސް ސަރުކާރުން ބުނެއެވެ.
މިދިޔަ އަހަރުވެސް އިންޑިއާ ސަރުކާރުން ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އާއި ޑާސާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސްޓަޑީ ޓުއާއަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިދިޔަ އަހަރު އެ ޓުއާއަށް ގޮސްފައި ވަނީ 24 މުވައްޒަފުންނެވެ.