ކަނޑު ހުރަސްކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޯޓުތައް ކަނޑަށް ފައްތާލަން ފަށައިފިނަމަ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން އެއްކޮށް ޙައްލުކުރެވޭނެކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބަށް ކުރައްވާ ކެމްޕެއިންގައި ޢުމަރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީވެސް ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލާ، އެތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމެވެ.
ރިޔާސީ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕީއެސްއެމުން ގެނެސްދޭ "ރިޔާސީ ސިޔާސަތު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޢުމަރު ނަޞީރު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެނުކުރެވޭނެކަމަށެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ އެހެން އެއްވެސް ކެންޑިޑޭޓަކު ގެންގުޅުއްވާ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވަމުން ޢުމަރު ވަނީ އެމަނިކުފާނު މަސްތުވާތަކެއްޗާއި ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތަކީ އެއްވެސް އިރެއްގައި ބަދަލުވާނެ ސިޔާސަތެއް ނޫންކަމަށެވެ. އަދި އެއީ އެއްވެސް މީހެއްގެ ނުފޫޒް ނުފޯރުވޭނެ ސިޔާސަތެއްކަމުގެ ޔަޤީންކަން ދެއްވަމުން ޢުމަރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަނޑުގެ ސަރަހައްދު ހުރަސްކޮށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ބޯޓުތައް ކަނޑަށް ފައްތާލާނެކަމަށެވެ. އެގޮތައް ޢަމަލުކުރަން ފަށައިފިނަމަ މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އެމީހެއްގެ ސިޔާސީ މަޤާމަކަށް ނުބައްލަވާނެކަމަށާއި، ކޮންމެ މަޤާމެއްގެ މީހެއްކަމަށްވިއަސް އެމީހަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
"ރާއްޖޭގެ ކަނޑު ހުރަސްކޮށް މަސްތުވާތަކެތި އަޅުގަނޑުގެ ސަރުކާރެއްގައި އުފުލައިފިއްޔާ ބަޑިޖަހައި ފައްތާލާނަން ކަނޑަށް. އެއިރަށް ދިވެހިރާއްޖެ މެދުވެރިކޮށް އެއެއްޗެހި ނުއުފުލާނީ. އެ ބޯޓުތަކުގެ ވެރިންނަށް އިނގޭނެ ރާއްޖެ ނުފޮނުވޭނެކަން. ރާއްޖެއަށް ފޮނުވައިގެން ތުހުމަތެއް ކުރެވިއްޖެނަމަ ފައްތާލާނެކަން ބޯޓު. އެއިރަށް 2 ވަނަ ބޯޓު ނާންނާނީ. 2 ބޯޓު ފައްތާލީމަ އިތުރު ބޯޓު ނާންނާނެ ކަނޑުހުރަސް ކުރާކަށް މަސްތުވާތަކެތި ހިފައިގެންނެއް." ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި ގެނައުމުން އެމީހާ ޑީޕޯޓްކޮށްލައިގެން މިހާރު ތިބެވޭކަށް ނެތްކަމަށެވެ. ގޭންގްތަކުގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ގޭންގްތައް ބޭނުންކުރާތީކަމަށް ޢުމަރު ތުހުމަތުކުރެއްވިއެވެ.
ސިޔާސީ ޕާޓިތަކާއި، ރައްޔިތުންގެ މަޖިލީހަށްވެސް ގޭންގްތަކުގެ ނުފޫޒް ވަދެފައިވާކަމަށް ތުހުމަތުކުރައްވާ ޢުމަރު ވިދާޅުވީ އެކަމުގެ ސަބަބުން ޕާޓީތަކަށާއި މަޖިލީހަށްވެސް އެމީހުންނަށް ފިޔަވަޅު އަޅަން ނުކެރޭކަމަށެވެ.