ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖެ، ޑިޖިޓަލް ފައިނޭންޝިއަލް ހަބަކަށް ހައްދަވާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ފާރިސް ވިދާޅުވީ ޑިޖިޓަލް އިޤްތިޞާދެއް ގާއިމްކުރާއިރު ރާއްޖެ، ކޭޝް ލެސް ސިސްޓަމްއަކަށް ބަދަލުކުރަން ޖެހޭކަމަށެއެވެ. އަދި ދައުލަތުގެ ރަޖިސްޓްރީތަކާއި ދަފްތަރުތައް ބެލެހެއްޓުމުގެ ކަންކަންވެސް ޑިޖިޓަލްކޮށް، ހުރިހާ މައުލޫމާތުތަކެއް ރަނގަޅަށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭކަމަށްވެސް ފާރިސް ވިދާޅުވިއެވެ. ޑިޖިޓަލް އިޤްތިޞާދަކަށް ރާއްޖެ ބަދަލުކުރުމަކީ، މިހާރު ކުރާ މުއާމަލާއްތައް ބޮޑުތަނުން ފަސޭހަވެ، ދިވެހި ވިޔަފާރިތަކުގެ ޚަރަދުކުޑަވެ، ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނެކަމެއްކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ޑިޖިޓަލް އިޤްތިޞާދަކަށް ރާއްޖެ ބަދަލުކުރުމަކީ ކުރެވޭނެކަމެއްކަމަށެވެ. އެހެންނަމަވެސް މިކަން ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ފާހަގަކުރައްވަމުން ފާރިސް ވަނީ އެ ގޮންޖެހުންތަކާއެކުވެސް ރައްޔިތުއްނަށް ލުއިފަސޭހަ އަދި އެކަށޭނަ ޑިޖިޓަލް ނިޒާމެއް ގާއިމްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
" އެހެންވީމައި އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ފުރަތަމަ 2 އަހަރު ދުވަހު އަޅުގަނޑުމެންގެ ސްޕެސިއަލް އެކޮނުމިކް ޒޯންސްގެ ގާނޫނު ބޭނުންކޮށްގެން ރާއްޖޭގެ ވަކި ސަރަހައްދެއް ފައިނޭސް ސެންޓަރަކަށް ހެދުމައްޓަކައި އެ ސަރަހައްދުގައި ކުރާ މި ފަދަ ވިޔަފާރިތަކަށް ގެންނަ އިންވެސްޓްމަންޓްތަކަށް އިތުރު ސެކިއުރިޓީ ދީ އެކަންކަމުން އެ ބޭފުޅުއްނަށް ކުރިއެރުން ލިބޭނެ ގޮތް ކަށަވަރުކޮށްދިނުން." ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ރާއްޖެ ޑިޖިޓަލް ކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެކަމަށެވެ. ރާއްޖެ ޑިޖިޓަލް ހަބަކަށް ބަދަލުވެގެން ދިއުމާއެކު އޮންލައިންކޮށް ކުރާ މުއާމަލާތަކަށް އިންގިލާބީ ބޮޑު ބަދަލެއް އައްނާނެކަމަށްވެސް ފާރިސް ވިދާޅުވިއެވެ.