އުތުރު ކޮރެއާއިން ވަރަށް އަވަހަށް ނިއުކްލިއަރ ވޯހެޑް ޓެސްޓް ކުރާނެކަމަށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން އާއި ޙަވާލާދީ އުތުރު ކޮރެއާއި ރަސްމީ ނިއުސް އެޖެންސީއިން ބުނެފިއެވެ.
އުތުރު ކޮރެއާއިން ވަނީ ނިއުކްލިއަރ ވޯހެޑްގެ އިތުރުން ނިއުކްލިއަރ ބޮމެއް އުފުލޭ ވަރުގެ ދުރުރާސްތާ މިސައިލެއްވެސް ޓެސްޓް ކުރާނެ ކަމުގައި ޚަބަރު ދީފައެވެ.
ނިއުކްލިއަރ ޙަމަލާއެއް ދެވޭވަރަށް އުތުރު ކޮރެއާއިން އަނެއްކާވެސް ތައްޔާރުވާން އުޅޭ ކަމުގެ ވާހަކަތައް ދައްކާފައި މިވަނީ ދެކުނު ކޮރެއާއި އެމެރިކާ ގުޅިގެން ކޮރެއާ ސަރަހައްދުގައި އަސްކަރީ ތަމްރީންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި. ދެކުނު ކޮރެއާއިން ބުނެފައިވަނީ މިއީ މިގޮތަށް ހިންގޭ އެންމެ ބޮޑު އަސްކަރީ ތަމްރީންތައް ކަމުގައެވެ.
ދެކުނު ކޮރެއާގެ ރައީސް ޕާކް ގިއުން ހައި ވަނީ އުތުރު ކޮރެއާގެ މިއަމަލުތައް ހަރުކަށި އިބާރާތުން ކުށްްވެރިކުރައްވާފައެވެ.
ޕާކް ވިދާޅުވީ އުތުރު ކޮރެއާއިން މިގޮތަށް ބައިނަލްއަޤްްވާމީ ދުނިޔެއާއި ޖައްސާލައިގެން އުޅެމުންދާ ގޮތް ބަދަލުނުކޮށްފި ނަމަ އެގައުމު އަމިއްލައަށް ހަލާކުގެ ތެރެއަށް ވަދެގެން ގޮސްދާނެ ކަމަށެވެ.
ޖަޕާނުންް ވެސް ވަނީ އެންމެ ފަހުން އުތުރު ކޮރެއާއިން އިއުލާން ކޮށްފައިވާ ނިއުކްލިއަރ ވޯހެޑް ޓެސްޓުތަކަކީ އެއްވެސް ހާލެއްގައި ގަބޫލް ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. ޖަޕާން ސަރުކާރުގެ ތަރުޖަމާން ޔޮޝިހިޑެ ސުގާ ވިދާޅުވީ އުތުރު ކޮރެއާގެ މިއަމަލުތައް ޖަޕާނުން ބަލަން ނުތިބޭނެެ ކަމަށާއި މިއީ އެއްވެސް ހާލަތެއްގައި ގަބޫލް ކުރެވޭނެ ކަމެއް ނޫންކަމަށް. ޔޮޝިހިޑެ ވަނީ އދ އާއި ބައިނަލްއަގްވާމީ ދުނިޔޭގެ ނިންމުންތަކަށް އިޖާބަދީ މިހާރުން މިހާރަށް ނިއުކްލިއަރ ކަންތައްތަށް ހުއްޓާލުމަށް އުތުރު ކޮރެއާއަށް ގޮވާލާފައެވެ.
އަނެއްކޮޅުން އދ.އިންވެސް ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އުތުރު ކޮރެއާއިން ނިއުކްލިއަރ ޓެސްޓުތަކެއް ކޮށްފައިވުމާ ގުޅިގެން އެޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.