ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ. އެކޮމިޝަނުން މިކަމަށް އިލްތިމާސްކުރެއްވީ، ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޢުމަރު ނަޞީރަށް މީހަކު ޙަމަލާދިން މައްސަލައާއި ގުޅިގެންނެވެ.
އިއްޔެ ހަވީރު މާލޭގައި ކެމްޕެއިން ހަރަކާތެއްގައި ޢުމަރު ނަޞީރު ހުންނަވަނިކޮށް، މީހަކު ވަނީ ދަގަނޑު އެއްޗަކުން ޙަމަލާދީފައެވެ. މިކަމާއި ގުޅިގެން ޢުމަރު ނަސީރު ވިދާޅުވެފައިވަނީ އެމަނިކުފާނު ކެމްޕެއިން ހަރަކާތުގައި ހުންނަވަނިކޮށް، ޑްރަގް ވިއްކާކަމަށް ތުހުމަތުކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލާ މޫނުމަތީ ޖެއްސެވުމަށްފަހު ފިލާފައިވާކަމަށެވެ. ނަމަވެސް އަނިޔާއެއް ވެފައިނުވާކަމަށް ޢުމަރު ވިދާޅުވިއެވެ. މި ޙާދިސާއާއި ގުޅިގެން ޢުމަރުގެ ސެކިއުރިޓީގެ ގޮތުގައި ތިއްބެވި ސިފައިން އެމީހާގެ ފޮޓޯ މިހާރު ފުލުހުންނާ ހިއްސާ ކޮށްފައިވާކަމަށްވެސް ޢުމަރު ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަޙްގީގްކުރަމުންނެވެ. މިހާދިސާގައި ޢުމަރު ނަސީރަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުން ނަންތައް އެ ކޮމިޝަނުން ޢާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެން، އިންތިޚާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ ބޭފުޅަކު ޙަވާލުވަންދެން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭން ގާނޫނު ލާޒިމްކުރާކަމަށެވެ.
އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއްކަމަށް ހަބީބް ވަނީ ހަންދާންކޮށްދެއްވާފައެވެ. މިފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ހަބީބު ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށް ޙަބީބު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްގޮސް، އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީސީގެ ފަރާތުން ވަނީ ގޮވާލާފައެވެ. އަދި އިއްޔެ ގުރައިދޫ ގައި ހިނގައިދިޔަ ކެމްޕޭން ހަރަކާތްތަކުގެ ހަމަނުޖެހުމަކީވެސް އީސީން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.