ޚަބަރު

ޖީއެސްޓީ %3އަށް ކުޑަކުރާނަން: ފާރިސް


  • 5 އަހަރު ތެރޭގައި ޖީއެސްޓީ 3 އިންސައްތަ ކުޑަ ކުރާނެކަމަށް

  • ވިސްނުމަކީ ޖީއެސްޓީ އެއްކޮން ސުމަކަށް ގެނައުން

މުދަލާއި ޚިދުމަތުގެ އަގުންނަގާ ޓެކްސް، ޖީއެސްޓީ 3 އިންސައްތައަށް ކުޑަކުރައްވާނެކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ރިޔާސީ ކެންޑިޑޭޓާއެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެއެވެ.

ފާރިސް ވިދާޅުވީ ޖީއެސްޓީއަކީ އެންމެ ނިކަމެތި މީހާއަށް މާލީ ގޮތުން ބޮޑު ދައްޗެއްކަމަށާއި، އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި ޓެކްސް ދެއްކުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާ ކުރަންޖެހޭނީ ފޯރުންތެރިކަން ހުއްނަ މީހުންކަމަށެއެވެ. ފާރިސް ވިދާޅުވީ މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖީއެސްޓީ 8 އިންސައްތައިން 3 އިންސައްތައަށް ތިރިކޮށްފިނަމަ ގާތް ގަނޑަކަށް 2.5 ބިލިޔަން ރުފިޔާ ދައުލަތުގެ އާމްދަނީން އުނިވާކަމަށެއެވެ. އެހެންކަމުން އެ އުނިވާބައި ކޮންމެސް އެހެން ގޮތަކަށް ހޯދަން ޖެހޭކަމަަށް ފާރިސް ވިދާޅުވީއެވެ.

ފާރިސް ވިދާޅުވީ ރާއްޖޭގައި ވަރަށް ބޭކާރު ޚަރަދުތައްވެސް ކުރާތަން ފެނިވަޑައިގަންނަވާކަމަށާއި، ޚާއްސަކޮށް ޑިޕްލޮމެޓިކް ދާއިރާތަކުން ވަރަށް ބޭކާރު ހަރަދުތައް ހިނގާކަމަށެއެވެ. ހަމަ އެގޮތުން ސިޔާސީ ގިނަ މަގާމުތަކަކީވެސް އިންތިހާއަށް ބޭކާރު ޚަރަދު ހިނގާކަމެއްކަން ފާރިސް ފާހަގަކުރެއްވިއެވެ. ރާއްޖެފަދަ ކުޑަ ގައުމަކަށް މިހާރު ހުރި ސިޔާސީ މަގާމު ތަކަކީ ބޮޑު ބުރައެއްކަމަށާއި، އެހެންކަމުން އެފަދަ ބޭކާރު ޚަރަދުކުޑަކޮށް ދައުލަތުގެ އާމްދަނީ ފާރިސްގެ ވެރިކަމެއްގައި އިތުރުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ މަސައްކަތްކުރައްވާނީ ޖީއެސްޓީ ސުމެއް އިންސައްތައަށް ބަދަލުކުރެއްވުމަށްކަމަށެވެ.

"ވިސްނުމަކީ އިގްތިޞާދީ މަސައްކަތް ފުޅާކޮށްގެން ދައުލަތައް އިތުރުވާބައި ހޯދުން. އަދި ކޮންމެ ޓެކްސެއް ބޮޑު ނުކުރިނަމަވެސް ގިނަ މަސައްކަތް ގިނަ މީހުނާއި ކުންފުނިތަން ކުރަން ފެށުމުން އެ ކުންފުނިތަކާއި މީހުންނަށް ބޮޑެތި އާމްދަނީ ލިބެން ފެށުމުން ދައުލަތައް ލިބޭ ބައިވެސް ބޮޑުވާނެ. އެންމެ ނިކަމެތި މީހާއަށް ޓާގެޓްކޮށްގެން އެމީހާ ގަންނަ އެންމެ ޒަރޫރޫ އެންމެ އަސާސީ އެތިން 8 އިންސައްތަ ނަގާކަށް ނުޖެހޭ އިނގޭތޯ. ހަގީގަތުގައި އަޅުގަނޑުގެ ވިސްނުމަކީ ޖީއެސްޓީ އެއްކޮށް ސުމަކަށް ގެންދަން ޖެހޭ މިގައުމުގައި" ފާރިސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ފާރިސްގެ ވެރިކަމެއްގައި ކުރައްވާނެ ކަންކަމަކީ ކޮބައިތޯ އެހުންތެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ، އެނމެ މުހިންމު ކަމަކީ ޑްރަގް ވިޔަފާރިކުރާ މީހުންނާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުންކަމަށެވެ.

ފާރިސް ވިދާޅުވީ ޑްރަގްގެ ވަބާ ނައްތާލެވޭނީ، އެކަމުގެ އަޑީގައިތިބި މީހުންގެ ނުފުޒްތައް ނައްތާލައިގެންކަމަށެވެ އަދި ފައިސާއާއި ނުފޫޒު މި މުޖްތަމައުގައި ވަރަށް ބޮޑަށް އޮތްކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ މި ފަދަ މައްސަލަތަކުގެ ދިގު ރާސްތާ ހައްލަކަށް ވަނީ ބޮޑެތިވަމުން އަންނަ ކުދިންނަށް މިކަމުގެ ނުރައްކާ ކިޔައިދީ، އެކުދިން އެކަމުން ދުރުކުރުންކަމަށެވެ.

ފާރިސް ވިދާޅުވީ ޑްރަގްގެ ވިޔަފާރި ކުރާ ފަރާއްތަކާއި މެދު ޖިނާޢީ އިޖުރާޢަތަކުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅުއަޅަން ފެށުމުން އެ ވަބާ ރާއްޖެއިން ނައްތާލެވޭނެކަމަށެވެ.