ވިޔަފާރި

މޯލްޑިވިއަނުން މުޅިން އަލަށް ބެންގަލޫރަށް ދަތުރު ފަށަނީ


  • މި ދަތުރުތައް ފަށާނީ އޮކްޓޯބަރ 30 ގައި

  • މިހާރު ވަނީ ޓިކެޓް ބުކް ކުރުމަށް ހުޅުވާލާފައި

މޯލްޑިވިއަނުން މުޅިން އަލަށް އިންޑިއާގެ ބެންގަލޫރަށް ދަތުރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ބެންގަލޫރަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ޓިކްޓް ބުކްކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޮކްޓޯބަރުމަހު މޯލްޑިވިއަންގެ ދަތުރުތައް ބެންގަލޫރަށް ފަށާއިރު ހަފްތާއަކު 2 ދަތުރު ބާއްވާނެއެވެ. އެއީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ.

މޯލްޑިވިއަނުން ބުނީ ބެންގަލޫރަށް ދަތުރު ފަށަން ނިންމީ އިންޓަނޭޝަނަލް މަންޒިލްތަކަށް ކުރާ ދަތުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ. ބެންގަލޫރަކީ ދިވެހިން ބޭސްފަރުވާއާއި އަދި އެހެނިހެންވެސް ބޭނުންތަކަށް ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެކެވެ. އެހެންކަމުން މޯލްޑިވިއަނުން މި ފަށަން ތައްޔާރުވާ ދަތުރުތަކާއިއެކު ބެންގަލޫރާއި ރާއްޖެއާއި ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އިިތުރު ލުއިފަސޭހަތަކެއް ލިބެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެހެންކަމުން މި ދަތުރުތަކާއިއެކު އިންޑިއާއިން އިތުރު ފަތުރުވެރިން ރާއްޖެއަށް އައުމަށްވެސް މަގުފަހިވެގެންދާނެއެވެ.

މޯލްޑިވިއަނުން ބުނީ ދަތުރުތަކަށް ބުކިންއަށް ހުޅުވާލާފައިވާއިރު ކުރިން ބުކްކުރާ ފަރާތްތަކަށް އަގުހެޔޮ އޮފަރތަކެއް ހުންނާނެކަމަށެވެ.

މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.