ޚަބަރު

ރައީސް ވަޙީދާއި، ޝައިނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި


  • ޑރ.ވަޙީދު ޖޭޕީއާއި ގުޅިވަޑައިމިގަތީ ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު

  • 2013 ވަނަ އަހަރުން ފެށިގެން ހުންނެވީ ޕީޕީއެމްގެ އެޑްވައިޒަރުކަމުގައި

  • ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަމަށް ޝަޢުޤުވެރިކަން ފާޅުކުރެއްވި

ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު، ޖުމްހޫރީ ޕާޓީއާއި މިރޭ ގުޅިވަޑައިގެންފިއެވެ. ޑރ.ވަޙީދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ، އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ އުފަން ރަށް، އދ.މާމިގިލީގައި ބޭއްވި ޖަލްސާގައެވެ.

ޑރ.ވަޙީދުގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރިޒް މިނިސްޓަރުކަން ކުރެއްވި ޑރ.މުޙައްމަދު ޝައިނީވެސް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އެބޭފުޅުން ޖުމްހޫރީ ޕާޓިއާއި ގުޅިވަޑައިގެންނެވި ފޯމާއި ހަވާލުވެވަޑައިގަތީ ޤާސިމް އިބްރާހީމެވެ. ޑރ.ވަޙީދު ޖުމްހޫރީ ޕާޓިއާއި ގުޅިވަޑައިމިގަތީ، 10 ވަންދެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އެޕާޓީން އިސްތިއުފާދެއްވުމަށްފަހުއެވެ. ޑރ.ޝައިނީވެސް މިހާތަނަށް ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.

ޑރ.ވަޙީދު ވަނީ މީގެ ކުރިން އަމިއްލަފުޅު ޕާޓިއެއްވެސް ހިންގަވާފައެވެ. އަދި 2008 ވަނަ އަހަރު މަލްޓިޕާޓީ ނިޒާމަކުން ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއާއެކު އޮތް ކޯލިޝަނަކުން ކާމިޔާބުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް ޑރ.ވަޙީދު ވަޑައިގެންނެވިއެވެ. އަދި ރައީސް ނަޝިދު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިއުފާދެއްވުމުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތެވެ. އޭގެފަހުން 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައިވެސް އެމަނިކުފާނު ވާދަކުރެއްވިއެވެ. އަދި އަމިއްލަފުޅު ޕާޓީ އުވާލެއްވުމަށްފަހު، 2013 ވަނަ އަހަރު ޕީޕީއެމްއާއި ގުޅިވަޑާއިގަތެވެ. އަދި އެޕާޓީގައި ހުންނެވީ ސްޕެޝަލް އެޑްވައިޒަރުކަމުގެ މަޤާމުގައެވެ.


ޑރ.ވަޙީދު ޕީޕީއެމުން ވަކިވެވަޑައިގަތީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ޙާލަތުގައި، ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރެއްވުމަށްފަހުއެވެ.