ޚަބަރު

ސްކޫލްތަކަށް ބޭނުންވާ 7.9 މިލިއަން ރުފިޔާގެ ތަކެތި ހަވާލުކޮށްފި


ސައިންސް ލެބްތަކަށް ބޭނުންވާ ކެމިކަލްސް އާއި އިކްއިޕްމަންޓްސްގެ 7.9 މިލިއަން ރުފިޔާގެ ތަކެތި ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރީސްކޫލްތަކުގެ އައުޓްޑޯ ޕްލޭ ސެޓަޕްތަކެއްވެސް ވަނީ ސްކޫލްތަކާއި ހަވާލުކޮށްފައެވެ.

ވަޞީލަތް ހަމަ މަޤްބޫލު ސްކޫލްތައް އުފެއްދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްކޫލްތަކުގެ ސައިންސް ލެބްތަކަށް ބޭނުންވާ ކެމިކަލް އާއި އިކުއިޕްމަންޓްސްގެ 7.9 މިލިއަން ރުފިޔާގެ ތަކެތި އަތޮޅުތެރޭގެ 50 ސްކޫލަކަށް ވަނީ ހަވާލުކޮށްފައެވެ.

އަދި އަތޮޅުތެރޭގެ 90 ސްކޫލަކަށް 5.51 މިލިއަން ރުފިޔާގެ ޕްރީސްކޫލްތަކުގެ އައުޓްޑޯ ޕްލޭ ސެޓަޕްތައް ފޯރުކޮށްދީފައިވާއިރު، މިތަކެތި ސްކޫލްތަކަށް ބެހުމަށް ހަމަޖެހިފައިވަނީ 3 ކެޓަގަރީއަކަށް ބަހާލައިގެންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު މިސްކޫލްތަކުގެ ކްލާސްރޫމްގައި ބޭނުންކުރުމަށް 20 ވައްތަރު ވުޑަން ޓޯއީސް ސެޓް ދޭގޮތަށް ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް ޢިސްމާޢިލް ވިދާޅުވީ، ސްކޫލްތަކަށް ހަވާލުކުރާ ތަކެތީގެ ތެރޭގައި ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްސް އާއި އިކުއިޕްމަންޓްސްތަކާއެކު އެތަކެތި ރައްކާކުރާނެ ތަކެތިވެސް ހިމެނޭކަމަށެވެ. ހަދިޔާކުރި ތަކެތި ލިބުނު ސްކޫލެއްގެ ޕްރިންސިޕަލް ވިދާޅުވީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމުން ސްކޫލްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އިބްރާހީމް އިސްމާޢީލް ވިދާޅުވީ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދެވަނަ ބުރެއް އަންނަ މަހު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. ދެވަނަ ބުރުގައި އިތުރު 50 ސްކޫލަކަށް ލެބޯޓްރީ އަށް ބޭނުންވާ ތަކެއްޗާއި، ޕްރީ ސްކޫލް އައުޓްޑޯ ތަކެތިވެސް އިތުރު 90 ސްކޫލްކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.