މިއަހަރުގެ ޖުލައި މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ޖުލައި މަހު މީރާއަށް 3.53 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %32.5 އިތުރު އަދަދެކެވެ. އަދި މިއީ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %10.6 އިތުރު އަދަދެކެވެ.
ޖުލައި މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 1.85 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 1.22 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 155.68 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 91.02 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 61.92 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 161.41 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި 104.57 މިލިއަން ޑޮލަރުވެސް ޓެކުހުގެ ގޮތުގައި ބަލައިގަނެފައިކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު މީރާއަށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވަނީ ކުންފުނިތަކާއި ފަރުދުންނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ނޮން ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ބުނެފައިވަނީ 2022 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށައަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަސްތަކަށް ދިމާވުމުން ސުންގަޑި ތާރީޚު ޖުލައި 2023 އަށް ބަދަލުކުރުމެވެ. މީގެއިތުރުން ޖޫން 2022 އާއި އަޅާބަލާއިރު ޖޫން 2023 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %8.5 އިތުރުވެފައިވުމުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވުމަކީވެސް މީރާއަށް ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.