ޚަބަރު

ރިޔާސީ އިންތިޚާބަށް 30ވުރެ ގިނަ މީހުން ރެކޯޑް ސާފުކުރި


  • - 34 މީހުން ރެކޯޑް ސާފުކުރި

  • - އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ

  • - މިހާތަނަށްް 4 ނަމެއް ވަނީ ހުށައަޅާފައި

ރިޔާސީ އިންތިޚާބާއި ގުޅިގެން މިހާތަނަށް 34 މީހުން ރެކޯޑް ސާފުކުރުމަށް ހުށައަޅާފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވީ އިންތިޚާބަށް ރެކޯޑް ސާފުކުރުމަށް ހުށައެޅި މީހުންގެ ތެރެއިން 32 މީހެއްގެ ރެކޯޑް ސާފުކޮށް މިއަދު އިރޮއޮއްސުމުގެ ކުރިން ހަވާލުކޮށްފައިވާކަމަށެވެ. އަދި މިހާރު ނުނިމި އޮތް 2 ފޯމް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ރެކޯޑް ސާފުކުރަނީ އޮޓަމޭޓެޑް ސެންޓަރަލް ޑާޓާ ބޭސްއަކުން ކަމުގައި ނުވާތީ ރާއްޖޭގެ ހުރިހާ ކޯޓަކުން ވަކިވަކިން ރެކޯޑްް ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމަކަށްވާތީ ހުރިހާ ފަރާތަކުން ފޯމް ހުށައަޅާއިރު އެކަމަށް ސަމާލުކަން ދެއްވުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިލްތިމާސްކުރެއްވިއެވެ. އަދި ރިޔާސީ އިންތިޚާބަށް ރެކޯޑް ސާފުކުރުމަށްް ބޭނުންވާ ފަރާތްތަކުން މިރޭ 21:00ގެ ކުރިންް ފޯމް ހުށަނާޅައިފިނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ނުނިމޭނެކަމަށްްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު މާދަމާ މެންދުރު 14:00 އަށް ހަމަވާނެއެވެ. މިހާތަނަށް ކެންޑިޑަސީ ފޯމް ހުށައަޅާފައިވަނީ 4 ފަރާތަކުންނެވެ. އެއީ ވެރިކަން ކުރާ އެމްޑީޕީއާއި ޕީޕީއެމާއި އެމްއެންޕީގެ އިތުރުން ދަޑިކޮމްރެޓްސް އެވެ. މީގެތެރެއިން ޕީޕީއެމުން ހުށައެޅި ރައީސް ޔާމީންގެ ފޯމު ބަލައި ނުގަތުމަށް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް ރައީސް ޔާމީންގެ ކިބައިގައި އުނިވާކަމަށް އީސީން ނިންމެވި ނިންމެވުމަށް ސުޕްރީމްކޯޓުންވެސް ވަނީ ތާއިދުކުރައްވާފައެވެ.