މިއަހަރު ނިމޭއިރު މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ 14000 ޓަނަށް އިތުރުވެގެންދާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. މިފްކޯ ތަރައްޤީކޮށް ސްޓޯރޭޖް އިތުރުކުރުމުގެ ބިޔަ ޕްރޮޖެކްޓެއް މިސަރުކާރުން ވަނީ ފައްޓަވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ މިފްކޯގެ ސްޓޯރޭޖް އިތުރުކުރުންކަމަށެވެ. އެގޮތުން ކޫއްޑޫއަށް އިތުރުކުރެވޭ 120 ޓަނުގެ ބްރައިން ފްރީޒިންއާއި، ތިނަދޫގައި އަލަށް ޤާއިމްކުރެވޭ މަސް ގަންނަ ފެސިލިޓީގައި މިހާރު ކުރަމުންދާ މަސައްކަތަކީ ފައުންޑޭޝަންގެ މަސައްކަތްކަމަށެވެ. މި 2 ތަނަށްވެސް ބޭނުންވާ ހުރިހައި މެޝިނަރީތައް މިހާރުވަނީ ޝިޕްކޮށްފައެވެ.
ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރާއިރު ޖުމްލަކޮށް ފެލިވަރު ކޫއްޑޫ އަދި އައްޑޫ މިހުރިހައި ތަނަކަށް މި އަންނަ ފެސިލިޓީތަކާއިއެއްކޮށް މަސްނުކިރިގެން އަންނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް އިސްމާއީލް ފައުޒީ ވިދާޅުވިއެވެ. މި ހުރިހާ ފެސިލިޓީއާއިއެކު މިއަހަރު ނިމޭއިރު މިފްކޯގެ ސްޓޯރޭޖް 14000 ޓަނަށް އިތުރުވެގެންދާނެކަން ފައުޒީ ފާހަގަކުރެއްވިއެވެ.
”ތިނަދޫއަށް އެ އަންނަނީ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް. ކޫއްޑޫއަށް އިތުރަށް އެބަ އާދޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް. މަސައްކަތް އިރާދަކުރެއްވިއްޔާ ނިމޭއިރު 14000 ޓަނަށްވުރެ އިތުރުވާނެ މިފްކޯގެ ސްޓޯރޭޖް ހަމައެކަނި ލޭންޑް ބޭސް. މ. މުލަކަށްވެސް އެބައާދޭ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަދި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް. އިހަވަންދޫއަށްވެސް މި އަންނަނީ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި އަދި 50 ޓަނުގެ ބްރައިން ފްރީޒިންއަކާއި. މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިންއަށް ހުރި ގޮންޖެހުންތައް ހައްލު ވެގެންދާނެ.” އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ، މި ސަރުކާރު އައިއިރު މިފްކޯގެ ބޯޓުތަކުގައި މަސް ގަނެވޭ ކެޕޭސިޓީވެސް އިތުރުވެފައިވާކަމަށެވެ. މަސްކިރުމަށް މިފްކޯއިން އިތުރު 2 ބޯޓު ގެނެސްފައިވާއިރު އިތުރު 3 ބޯޓު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.