ވިޔަފާރި

މި ބަންދުތެރޭގައި މޯލްޑިވިއަނުން 3696 ދަތުރުކުރި


  • ޝެޑިއުލް 3528 ދަތުރުކުރި

  • ޑިމާންޑް ބޮޑުވުމުން އިތުރަށް ކުރި 168 ދަތުރު ހިމެނޭ

  • ޗުއްޓީގައި 122،784 މީހުން މޯލްޑިވިއަނުން ދަތުރުކުރި

މިއަހަރުގެ ޢީދު ބަންދާއި އަދި ސްކޫލް ޗުއްޓީގައި މޯލްޑިވިއަނުން 3696 ދަތުރުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. މީގެތެރޭގައި ޝެޑިއުލް ދަތުރުތަކާއި އަދި ޑިމާންޑް ބޮޑުވުމުގެ ސަބަބުން އެ ކުންފުނިން އިތުރުކުރި ދަތުރުތައްވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދު ނުވަތަ ޢީދު ޗުއްޓީ ފަދަ ދުވަސްވަރަކީ ގިނަ އަދަދެއްގެ މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ. މިއާއިއެކު މި ދުވަސްވަރު އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށްވެސް އިތުރުވެގެންދެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ 15 ޖޫން އިން 1 އޮގަސްޓްގެ ނިޔަލަށް އެ ކުންފުނިން 3696 ދަތުރުކޮށްފައިވާކަމަށެވެ. މީގެތެރޭގައި ޝެޑިއުލް 3528 ދަތުރާއި އަދި ޑިމާންޑް ބޮޑުވުމުން އިތުރަށް ކުރި 168 ދަތުރު ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި މޯލްޑިވިއަނުން އެންމެ ގިނަ ދަތުރު ބާއްވާފައިވަނީ ކޫއްޑޫ އެއަރޕޯޓަށެވެ. އެއީ މުޅި ޖުމްލަ 510 ދަތުރެވެ. 2 ވަނައަށް އެންމެ ގިނަ ދަތުރު ބާއްވާފައިވަނީ ކާޑެއްދޫއަށެވެ. އެއީ 453 ދަތުރުކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަންގެ ދަތުރުތައް އިތުރުވެފައިވާއިރު އާންމުގޮތެއްގައި މީހުން ދަތުރުކުރާ މިންވަރާއި އަޅާބަލާއިރު މި މުއްދަތުގައި ދަތުރުކުރި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އާންމު ގޮތެއްގައި މި މުއްދަތުގައި ދަތުރުކޮށްފައިވާ މީހުންގެ އަދަދަކީ 122،784 އެވެ. ނަމަވެސް މި އަހަރުގެ ޖޫން 15 އިން އޮގަސްޓް 1 އަށް 132،512 މީހުން ވަނީ ދަތުރުކޮށްފައެވެ. މިއީ 9728 މީހުންގެ އިތުރުވުމެކެވެ.

މި މުއްދަތުގައި އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއީ 19،608 މީހުންކަމަށް މޯލްޑިވިއަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އެންމެ މަދުން މީހުން ދަތުރުކޮށްފައިވަނީ ތިމަރަފުށި އެއަރޕޯޓަށެވެ. އެއީ 1،669 މީހުންނެވެ.

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިއަހަރުގެ ތެރޭގައި އޭޓީއާރު މަރުކާގެ 2 ބޯޓު ގެނެސްފައެވެ. އަދި އިތުރު ބޯޓު ހޯދުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.