ވިޔަފާރި

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ހަރުކުރަން ބޭނުންވާ ފައިސާ ސީދާ މަސްވެރި އުޅަނދުތަކަށް


  • ކުރިން އޮތްގޮތުން މި ލޯނުގެ ދަށުން ނަގާ ފައިސާ ޖަމާވަނީ އާރުއެސްޑަބްލިއުގެ ހަރުކޮށްދޭ ކުންފުންޏަށް

  • ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ދޫކުރަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މަސްވެރި ދޯނިފަހަރުގައި ރެފްރިޖަރޭޓެޑް ސީ-ވޯޓަރ ސިސްޓަމް (އާރުއެސްޑަބްލިއު ސިސްޓަމް) ހަރުކުރުމަށް ބޭނުންވާ ފައިސާ ސީދާ މަސްވެރި އުޅަނދުފަހަރުގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާވާގޮތަށް ބަދަލުގެ ނެސްފިއެވެ.

ކުރިން އޮތްގޮތުން މި ލޯނުގެ ދަށުން ނަގާ ފައިސާ ޖަމާވަނީ އާރުއެސްޑަބްލިއު ސިސްޓަމް ސަޕްލައިކޮށް، ހަރުކޮށްދޭ ކުންފުނީގެ އެކައުންޓަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ، އުޅަނދު މިހާރު މިގެނައި ބަދަލާއެކު އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރަން ބޭނުންވާ އުޅަނދުގެ ވެރި ފަރާތުން އަމިއްލައަށް އެ ސިސްޓަމް ގެނެސް އުޅަނދުގައި ހަރުކުރުމަށް ފައިސާ ހަމަޖެއްސުމުގެ ފުރުސަތު ފައިވެފައިވާކަމަށެވެ.

މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމުގެ ޕްރޮގްރާމަކީ މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދެއްވުމުގެ ގޮތުންނާއި، މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް، ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ދަށުން ކުރިއަށްގެންދަވާ ޕްރޮޖެކްޓެކެވެ. މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެއްވުމަކީވެސް މި ޕްރޮޖެކްޓްގެ މަޤްޞަދެކެވެ.

މިލޯނު ޕްރޮގްރާމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނެ އެންމެ ގިނަ އަދަދަކީ، 5 ލައްކަ ރުފިޔާއެވެ. މި ފައިސާ ބޭނުންކުރަން ޖެހޭނީ އާރް.އެސް.ޑަބްލިއު ސިސްޓަމް ގަނެ އިންސްޓޯލްކުރުމަށެވެ. 6 އިންސައްތަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ މިލޯނު އަދާކުރަން ޖެހެނީ 6 އަހަރު ދުވަހުގެ ތެރޭގައެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ދޫކުރަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި، ފިޝަރީޒް މިނިސްޓްރީ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެންނެވެ.

މިޕްރޮޖެކްޓްގެ ދަށުން މަސްވެރި އުޅަނދުތަކުގައި ލޮނުފެނުން ފިނިކުރާ ނިޒާމު (އާރ.އެސް.ޑަބްލިޔު ސިސްޓަމް) ޤާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލަރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދޭނެއެވެ.