ނ.މަނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި މިބަނދަރުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ހާމަކުރައްވައިފިއެވެ.
މަނަދޫގެ ބަނދަރަކީ 1200 ފޫޓު ދިގު، 350 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރުން ޚިދުމަތް ހޯދާތާ 8 އަހަރުވީއިރު، ކޮންމެ އަހަރެއްގެވެސް ކަނޑު ގަދަވާ ދުވަސްވަރު ރަށުގެ ރައްޔިތުންނާއި އޮޑިވެރިންނަށް އެތައް ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުލްރަހްމާން ސަބީހް ވިދާޅުވީ މަނަދޫ އަކީ ނ.އަތޮޅުގައި ވެރިކަން ކުރާ ރަށަށް ވުމުން އެރަށުގެ ބަނދަރަކީ މުޅި އެ އަތޮޅުގެ ރައްޔިތުން ކޮންމެ ދުވަހެއްގައި ބޭނުންކުރާ ބަނދަރެއް ކަމަށެވެ. އެހެންކަމުން ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ޖެހިފައި ވާކަމަށެވެ. އަދި މަނަދޫގެ ފަޅަކީ ކަނޑުގަދަ ދުވަސްވަރެއްނަމަ ވަރަށް ގަދަވާ ފަޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މަނަދޫ ބަނދަރު ތަރައްޤީކުރަމުން އަންނަނީ ރައްޔިތުން ހިތްއެދޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
"މަނަދޫ ފަޅަކީ ކަނޑު ގަދަވެއްޖެނަމަ ވަރަށް ގަދަވާ ފަޅެއް. ދޯނި ފަހަރު އެއްވެސް ގޮތަކަށް ބަނދަރުކޮށްފައި ބޭއްވޭނެ ގޮތަކަށް އޮތް ބަނދަރެއް ނޫން. މިއީ މިއަތޮޅުގެ ވެރިކަން ކުރާ ރަށަށް ވުމުން ކޮންމެ ދުވަހަކު އެތަކެއް ބަޔަކު ސިއްހީ ޚިދުމަތް ހޯދުމަަށާ އެ ނޫންވެސް ކަންކަމަށް ލަފާ ބަނދަރެއް މަނަދޫ ބަނދަރަކީ. އަތޮޅުން ބޭރުންވެސް ގިނަމީހުން އަންނާނެ. މިހާރު ބަނދަރު އެ ހެދެނީ ހަމަ ރައްޔިތުން ބޭނުންވާ ގޮތަށް." އަބްދުލްރަހްމާން ވިދާޅުވިއެވެ.
މަނަދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ފެއްޓެވީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައެއެވެ.
މަނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން 29038 ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރު ސަރަހައްދުގެ ބޭރުތޮށި ލުމާއި، 188 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި ނެރުބައްތި ޖެހުމާއި ރޭމްޕެއް ހެދުމާއި ކޮންކްރިޓް ބްރިޖެއްވެސް މިމަޝްރޫގެ ދަށުން ހެދުމަށްވަނީ ނިންމާފައެވެ. ކައުންސިލުން ވިދާޅުވީ ބަނދަރުން ނަގާ ވެލި އަޅާ، ބަނދަރުގެ ހުޅަނގު ފަރާތު ފަޅުން ސަރަޙައްދެއް ހިއްކުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި ބަނދަރުން ނަގާ ވެލި އަޅާ، ބަނދަރުގެ ހުޅަނގު ފަރާތު ފަޅުން ސަރަޙައްދެއް ހިއްކުމަށްވެސްވަނީ ހަމަޖެހިފައެވެ.
އަދި މިހާރު މިމަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ބަނދަރުގެ ނެރު ފުޅާ ކުރުމާއި ބޭރުތޮށި ލުމުގެ 55 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަަދި ނެރު ބޭރުތޮށި ލުމާއި ރޭމްޕް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
ކައުންސިލުން ވިދާޅުވީ ބަނދަރުން ނަގާ ވެލި އަޅާ، ބަނދަރުގެ ހުޅަނގު ފަރާތު ފަޅުން ސަރަޙައްދެއް ހިއްކުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. މަނަދޫ ބަނދަރު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން 29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މަނަދޫގެ ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 2000 މީހުން ނަމަވެސް، އެކި ބޭނުންތަކުގައި އެ ރަށަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު ރަށުގެ އާބާދީ 3000 އިން މައްޗަށް އަރައެވެ. އާއްމު ގިނަ ޚިދުމަތްތައް ޤާއިމުކޮށްފައިވާ މަނަދޫއަށް ކޮންމެ ދުވަހުވެސް ގިނަ ބަޔަކު އަރާފައިބައެވެ. ރަށަށް އަރާފައިބާ މީހުންނާއި ރަށުގެ އޮޑިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ރަށުގެ ބަނދަރުގެ މައްސަލައެވެ.