ޚަބަރު

އަސްކަރީ ހަރަކާތްތަކާއި ޕެރޭޑް ބަލާލުމަށް ނިކުތް މީހުންނާއެކު މަގުތައް ފުރާލައިފި


  • ޖުމްހޫރީ މައިދަނުން ފެށި ސިފައިންނާއި ސްކޫލް ކުދިންގެ ޕެރޭޑް ބަލާލުމަށް ގިނަ ބަޔަކު ޖަމާވި

  • ރައީސް ސާލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެެރިވެވަޑައިގަތް

ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަތް ގެންދިޔަނަމަވެސް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބެމުންދަނީ އެމްއެންޑީއެފްއާއި ސުކޫލް ކުދިންގެ ޕެރޭޑާއި ރޫޓް މާޗް ނުވަތަ ދިވެހިންގެ އާއްމު ބަހުން ނަމަ ބޭންޖުމަށެއެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ކުދި ބޮޑު އެތަކެއް ބަޔަކު މި ހަރަކާތް ބަލާލުމަށް މަގުތަކަށް ނިކުމެ އުފާވެރި އެއްބައިވަންތަ ވަގުތަކެއް ހޭދަކޮށްލައެވެ.

މިގޮތުން ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަހަރުވެސް މިލިޓަރީ ޕެރޭޑާއި ރޫޓް މާޗް އަދި ސުކޫލް ކުދިންގެ ޕެރޭޑް ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވާފައެވެ. ހަވީރު 4:30 ގައި ފެށި ޕެރޭޑް ބަލާލުމަށް އޭގެ އެތައް އިރެއްކުރިން އާއްމުން ވަނީ މަގުތަކަށް ޖަމާވެފައެވެ.

ޕެރޭޑް ބަލާލުމަށް މަގުތަކަށް ނިކުތް މީހުންގެ ތެރޭގައި ވަކި އުމުރެއްގެ ވަކި ޖިންސެއްގެ ބަޔަކު އިސްތިސްނާނުވެ، ހުރިހާ އެންމެން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ސިފައިންނާއި ސްކޫލް ކުދިންގެ ޕެރޭޑާއި ރޫޓް ފެއްޓެވުމުގެ ގޮތުން ބޭއްވި ރަސްމިއްުޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ދެ ކަނބަލުންނާއި ސަރުކާރުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕެރޭޑާއި ޕެރޭޑް ފެއްޓުމުގެ ކުރިން ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. ސިފައިންގެ ބޭންޑުގައި ޤައުމީ ސަލާމާއެކު ފެށުނު ރޫޓް މާޗުން ފެށިގެން ދިޔަ އަސްކަރީ ޕެރޭޑްގައި، އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުގެ ސިފައިންނާއި، އެ ސިފައިން ބޭނުންކުރާ އާލާތްތަކާއި ހަތިޔާރުތައް ދައްކާލުން ވަނީ ކުރިއަށްގެންގޮސްފައެވެ.

އެމްއެންޑީއެފްގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގެ ކެޑޭޓުން ރޫޓްމާޗުވެސް ވަނީ މިއަދު މަގުތަކުގައި ބާއްވާފައެވެ.

މިނިވަން ދުވަހުގެ މުނާށްސަބަތުގައި މިއަދު ހަވީރު ބޭއްވި ސިފައިނާއި ކެޑޭޓުންގެ ޕެރޭޑް މާލޭގެ ހަތަރު ތަނަކަށް މަޑުކޮށް، ބޭންޑްޕާޓީތަކުން ވަނީ އެކި ހުށަހެޅުންތައް ހުށަޅައިދީފައެވެ. އަދި އާއްމުންގެ ފަރާތުން ވަނީ އެ ހުށަހެޅުންތަކަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.

ސިފައިންގެ ޕެރޭޑްގައި އެމްއެންޑީއެފުން ސަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އިސް ހިދުމަތްތެރިންވެސް ފެނިގެންދިޔައެވެ. މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވި އެމްއެންޑީއެފްގެ ޕެރޭޑް ނިންމާލާފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް ބަލާލުމަށް މާލޭގެ އެކި މަގުތަކަށް ގިނަ ބަޔަކު ޖަމާވިއިރު، މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ މިނިވަން ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގާފައެވެ. އަދި އެ ހަރަކާތްތަކުގައި ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވިއެވެ.