ވިޔަފާރި

ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ވަގުތު ބޭކާރު ނުވާނެ ގޮތަށް ލުއިފަސޭހަގޮތަކަށް ޚިދުމަތް ދިނުން


  • ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ވަގުތު ވީހާވެސް ބޮޑަށް ބޭކާރު ނުވާނެގޮތަކަށް ޚިދުމަތްތައް ހޯދާދިނުން

  • ސްމާޓް ސްޓޯރ ހުންނާނީ ހުޅުމާލޭގައި އެސްޓީއޯގެ ފިހާރަ ކުރިން ހުރި ތަނުގައި

މި ސަރުކާރުގެ ސިޔާސަތަކީ ލުއިފަސޭހަކޮށް ރައްޔިތުންގެ ވަގުތު ވީހާވެސް ބޮޑަށް ބޭކާރު ނުވާނެގޮތަކަށް ޚިދުމަތްތައް ހޯދާދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އެސްޓީއޯ ސްމާޓް ސްޓޯރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާއިން މުޅި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށާއި ރާއްޖޭގެ ޒުވާނުންނަކީ ދުނިޔެއަށް އަންނަ މިފަދަ އައު ޓެކްނޮލޮޖީއަށް ވަރަށް އަވަހަށް އަހުލުވެރިވާ ބައެއްކަމަށެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާއި އަދި ރާއްޖޭއިން ބޭރުގައިވެސް ދިވެހި ޒުވާނުން ކާމިޔާބީތައް ހޯދަމުން އަންނަކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން މިސަރުކާރުންވެސް ބޮޑެތި މަސައްކަތްތަކެއް ފައްޓަވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދާދިފަހުން ތައާރަފްކުރެވުނު ވަން ގަވް ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން އެއް ތަނަކުން ޚިދުމަތްތައް ލިބޭނެ ނިޒާމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"މިމަސް ތެރޭގައި ވަން ގަވް ޚިދުމަތް ފެށިގެން މިދިޔައީ. އޭގެ ސަބަބުން ރައްޔިތުންނަށް ގިނަ ގުނަ ފައިދާތަކެއް އެބަވޭ. އަޅުގަނޑު ހަމަ ރައްޔިތުންނަށް މިއަދު ދަންނަވާލަން ބޭނުން އިރާދަކުރެއްވިއްޔާ މިދެންނެވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދެވިގެން ރައްޔިތުންނަށް ލުއިފަސޭހަކޮށް ރައްޔިތުންގެ ވަގުތު ވީހާވެސް ބޮޑަކަށް ބޭކާރު ނުވާނެގޮތަކަށް ދައުލަތުގެ ފަރާތުން ލިބެންޖެހޭ ޚިދުމަތްތައް ހޯދައިދިނުން.” ނައިބު ރައީސް ވިދާޅުވިއެވެ.

އެސްޓީއޯއިން ހުޅުވި ސްމާޓް ސްޓޯރ ހުންނާނީ ހުޅުމާލޭގައި އެސްޓީއޯގެ ފިހާރަ ކުރިން ހުރި ތަނުގައެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައިވެސް މި ކޮންސެޕްޓް ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ރާއްޖެއާއި ކައިރި ބައެއް ޤައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، ދުބާއީ ފަދަ ޤައުމުތައް ހިމެނެއެވެ.