ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމުމަކީ ކައުންސިލްތަކުން ކުރަމުން އައި ބޮޑު އުންމީދެކެވެ. އެކަމަށް ސަރުކާރުން އެހީތެރިން ފޯރުކޮށްނުދިނުމަކީ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލްތަކަށް މިހާތަނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ކުނިމެނޭޖްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި މަސައްކަތަށް ރަށު ކައުންސިލުތަކުން ކުރަންޖެހޭ ޚަރަދުބޮޑުވުމެވެ. މިކަމުގެ ސަބަބުން ސަރުކާރުން ކުނި މެނޭޖްކުރާނެ ނިޒާމެއް އަދި ކުނިކޮށްޓެއް ރަށްރަށުގައި ޤާއިމުކުރިނަމަވެސް މި މަސައްކަތުގައި ގެންގުޅޭ ތަކެތި ރަނގަޅަށް މަރާމާތުކޮށް ނުބެލެހެއްޓޭތީ އެކަމުގެ ޝަކުވާ ރަށު ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ.
އެހެންކަމުން މިކަމަށް އިޖާބަދިނުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ސިޓީތައް ފިޔަވާ އެހެން ހުރިހާ ރަށަކަށްވެސް މޯލްޑިވްސް ގްރީން ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މި ނިންމެވުމަކީ ކައުންސިލްތަކުން މިކަމަށް ކުރަމުން އުންމީދު އައު ކުރުވިކެމެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް މަސައްކަތް ކުރެއެވެ. ކުނި ރައްކާތެރިކަމާއެކު ނައްތާލައި ހަލާކުނުވާ ޒާތުގެ ކުނި ވަކިކޮށް ޕެކްކޮށް ވިއްކައިގެން ލިބޭ މަދު އާމްދަނީންނާއި، ކައުންސިލްގެ ބަޖެޓް ތެރެއިން ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެކަމަށް ހައްލު ގެނެސް ކުނި ނައްތާލުމަށް ކައުންސިލްތަކުން މާލީގޮތުން އުފުލި ތަކުލީފް ނިމުމަކަށް ގެނައުމަށް ސަރުކާރުންވަނީ މިއަހަރު މިކަމަށް މުޅިން އަލަށް ބަޖެޓެއް ކަނޑައަޅުއްވާ އެބަޖެޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ބަޖެޓްގައި ހިމަނާފައެވެ. މިކަމަށް މިއަހަރު މިނިސްޓްރީގެ ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ 30,800,000ރ (ތިރީސް މިލިއަން އަށްލައްކަ ރުފިޔާ) އެވެ.
މިއީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ސަރުކާރުން ރަށު ކައުންސިލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. އެގޮތުން މިފައިސާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތަގައި ގެންގުޅޭ އާލާތްތައް ހިންގުމަށާއި އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދު ފޫބެއްދުމަށެވެ.
ކުނި މެނޭޖްކުރުމަށް ސަރުކާރުން ވަކި ސިޔާސަތެއް ވަނީ ކަނޑައަޅާފައެވެ. މި ސިޔާސަތުގެ ދަށުން މަޝްރޫޢުތަކެއް އެކުލަވާލާ މިހާރުވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި މަޝްރޫޢުތައް މިނިސްޓްރީން ހިންގަމުން އާދެއެވެ.
ގްރީން ފަންޑުން ކުނި މެނޭޖްކުރުމުގެ ކަންކަމަށް ކައުންސިލްތަކަށް މާލީ އެހީ ދޫކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ރަށު ކައުންސިލްތަކުގެ ފަރާތުން ވަނީ، މިއީ ކައުންސިލްތަކުން ކުރަމުން އަންނަ ޒަމާންވީ ޝަކުވާއަކަށް އިޖާބަ ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް މިކަމުގެ ސަބަބުން ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމުގައި ފާހަގަކޮށް މިކަމަށް ޝުކުރުއަދާކޮށްފައެވެ.
"މީހަމަ ވަރަށް އުފާކުރާކަމެއް ވަރަށް ދުހެއްގެ އާދޭހެއް ކައުންސިލްތަކަށް ފޯރުކޮށްދިނީ ކުނި މެނޭޖްކުރުމުގައި މިހާރު މިއުޅެނީ ވަރަށް ހާލުގައި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށްލިބޭ އެހެން ނަމަވެސް މާލީ އެޙީތެރިކަން ނުލިބެނީ މިހާރު އެކަމަށް ހައްލު ލިބި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް މަގުފަހުވެގެން ދާނެ" ކައުންސިލްތަކުން ފާހަގަކުރިއެވެ.
މޯލްޑިވްސް ގްރީން ފަންޑަކީ ރާއްޖެ އަންނަ ފަތުރުވެރިން އަތުން ނެގޭ ގްރީން ޓެކްސް ޖަމާ ކުރުމަށް 2019 ވަނަ އަހަރު އުފައްދާފައިވާ ޓްރަސްޓް ފަންޑެކެވެ.
މި ފަންޑުން 2019 އިން ފެށިގެން މިހާތަނަށް ކުރި ޚަރަދުތަކަށް ބަލާއިރު ފަންޑުގެ 63 އިންސައްތަ ޚަރަދުކޮށްފައި ވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށެވެ. 20 އިންސައްތަ ޚަރަދުކޮށްފައި ވަނީ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކަށެވެ. 15 އިންސައްތަ ޚަރަދުކޮށްފައި ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. ބާކީ ޚަރަދު ކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް ހިންގުނު އެހެނިހެން މަޝްރޫޢުތަކަށެވެ.