ވިޔަފާރި

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނަނީ


  • 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ޚޫނު މަރުޚަބާއެއް އެއަރޕޯޓުން ކިޔާނެ

  • ޚާއްސަ ޢަދަދުތައް ހަމަވާ ފަތުރުވެރިންނަށް ޚާއްސަ ހަރަކާތްތަކެއް އަބަދުވެސް ބާއްވާ

  • ސަރުކާރުން އަންދާޒާކޮށްފައިވަނީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ 1 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ މި ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މާދަމާގެ މެންދުރު ކުރީގެ ވަގުތެއްގައެވެ.

މި ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. މި ހަރަކާތް ބާއްވަނީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމްއެމްޕީއާރުސީއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް އެމްއޭސީއެލް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއަށް އަންނަ ފުރަތަމަ ފަތުރުވެރިޔާ އަދި ޙާއްސަ ޢަދަދުތައް ހަމަވާ ފަތުރުވެރިންނަށް މަރުޚަބާ ކިޔުމަށް އެއަރޕޯޓްގައި ޙާއްސަ ހަރަކާތްތައް ބާއްވައެވެ.

ސަރުކާރުން އަންދާޒާކޮށްފައިވަނީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. 2022 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ ގަދަ 3 ވަނައިގައި އުޅެނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. އެންމެ ބާރަށް ކުރިއަރަމުން އަންނަ މާކެޓަކީ ޗައިނާ އެވެ. ކޯވިޑަށްފަހު ޗައިނާ މިއަހަރު އަލުން ފަތުރުވެރިންނަށް ހުޅުވާލިއިރު މިއަހަރުގެ މިހާތަނަށް ޗައިނާ އޮތީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.