ޚަބަރު

ހަނިމާދޫ ސްކޫލުގައި އަލުން އޭލެވް ފެށުމަށް ކައުންސިލުން ދަރިވަރުންނަށް އެލެވަންސެއް ދެނީ


  • ހަނިމާދޫ ސްކޫލުގައި އެންމެފަހު އޭލެވްއަށް ކިޔަވައިދިނީ 2017 ގައި

  • އެލަވަންސް ދެނީ ބައިވެރިވާ ފުރަތަމަ 15 ދަރިވަރަކަށް

  • ބޭނުމަކީ ދަރިވަރުން ޝައުގުވެރި ކުރުވުން

  • އަންނަ ދިރާސީ އަހަރު އޭލެވެލް ފެށޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް

ރާއްޖޭގައިތިބެގެން މަތީ ތަޢިލީމު ޙާޞިލުކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަށް ފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ ތަޢުލީމީ އަދި މަތީ ތަޢުލީމީ ދާއިރާގެވެސް އެންމެ މުހިންމު އެއް ސިޔާސަތެވެ.

ރާއްޖޭގެ ކޮންމެ ސުކޫލެއްގައި އޯލެވެލް އިމްތިޙާނު ހަދައެވެ. އެހެންނަމަވެސް ރާއްޖޭގެ އޭލެވް ފެންވަރަށް ކިޔެވެން ހުރި ސްކޫލްތައް އަދިވެސް މަދެވެ. ސަބަބެއްކަމަށް ގިނަ ބައެއް ފަރާތްތަކުން ފާހަގަކުރަނީ ބޭނުންވާ ވަރަށް ކުދިން ނުލިބުމެވެ.

އޭލެވް ކިޔެވުމަށް ކުދިން ނުލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ އެއް ރަށަކީ ރާއްޖޭގެ އުތުރުން ހދ. ހަނިމާދޫއެވެ. ހަނިމާދޫއަކީ ކުރިން އޭލެވެލްއަށް ކިޔަވައިދިނުމަށް ފަހު އެކަށީގެންވާ ވަރަށް ކުދިން ހަމަނުވުމުގެ ސަބަބުން އެލެވެލްއަށް ކިޔަވައި ދިނުން ހުއްޓިފައިވާ ރަށެކެވެ. ހަނިމާދޫ ސުކޫލްގައި އޭލެވެލަށް އެންމެ ފަހުން ކިޔަވައިދީފައިވަނީ 2017 ވަނަ އަހަރުއެވެ.

އޭލެވެލްއަށް ބޭނުންވާ 5 މާއްދާއިން ފާސްވެގެން، ރަށުގައި ހުރެގެން އޭލެވެލް ހަދަން ބޭނުންވާ ކުދިންގެ އަދަދު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހަމައެއް ނުވިއެވެ. އެހެންވެ އޭލެވެލްއަށް ކިޔަވައިދޭން ނުފެށެވެ.

އެހެންނަމަވެސް މިފެށޭ ދިރާސީ އައު އަހަރާއެކު ހަނިމާދޫ ސުކޫލްގައި އޭލެވެލް ކިޔަވާދެން ފެށްޓުމަކީ އެރަށު ކައުންސިލުގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި މިކަމަށް ކުދިންގެ ޝަޢުގު އިތުރުކުރުމަށްޓަކާ އޭލެވްގައި ބައިވެރިވާ ކުދިންނަށް ޚާއްސަ އެލަވަންސެއްވެސް ދިނުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.

ކައުންސިލުގެ މި ނިންމެވުމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލް މެމްބަރު ފިރާޤު މުޙައްމަދު ވިދާޅުވީ، އޭލެވެލްގައި ބައިވެރިވާ ކުދިށްނަށް ޚާއްސަ އެލަވަންސެއްދޭން ނިންމެވުމާއެކު މިކަމަށް ކުދިންގެ ޝަޢުގު އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ކައިރި ރަށްރަށުން ވެސް ކުދިން އަންނަން ހިތްވަރަކަށް ވާނެކަމަށް ފިރާޤު ވިދާޅުވިއެވެ.

ހަނިމާދޫ ސުކޫލްގައި މިހާރު ތަޢުލީމު ޙާސިލްކުރަމުންދާ 500 އެއްހާ ކުދިން އެބަތިއްބެއެވެ. އަދި މި އަހަރު އެ ސްކޫލުން ސާނަވީ މަރުޙަލާ ނިންމައި 39 ދަރިވަރުން އޯލެވެލް އިމްތިޙާނު ހަދާފައިވެއެވެ.

ކައުންސިލުގެ މެންބަރު ފިރާޤު ވިދާޅުވީ އެރަށުގައި މިއަހަރު އޭލެވެލް ފެށޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެއެވެ.

"ޙަޤީގަތުގައި އޭލެވެލް ކިޔަވަން ދަރިވަރުން ޝައުގުވެރިކަން ނުހުންނަނީ. ބައެއް ކުދިންނަށް ހީވަނީ އެއީ ބޭކާރު ދެ އަހަރުކަމަށް. ރަށުގައި ތިބެގެން ކިޔަވަން ބޭނުންނުވާ ކުދިން މި ދަނީ މާލެ. މިހެންވުމުގެ ސަބަބުން ބޭނުންވާ ވަރަށް ކުދިން ހަމަނުވޭ. އޭލެވެލް މި ކިޔަވާ ދެވެނީ މަދުވެގެން 10 ކުދިން ހަމަވުމުން" ފިރާޤު ވިދާޅުވިއެވެ.

ފިރާޤު ވިދާޅުވީ، ކައުންސިލުން ނިންމާފައިވަނީ އޭލެވެލްގައި ބައިވެރިވާ ފުރަތަމަ 15 ދަރިވަރަކަށް 2000 ރުފިޔާގެ އެލަވެންސް ދިނުންކަމަށެވެ. އެހެންނަމަވެސް އެ އަދަދަށް ވުރެއް 2 ނުވަތަ 3 ތިކުދިން އިތުރުވިއަސް އެކުދިށްނަށް އަލަވަންސް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ ކައުންސިލުގެ މި ނިންމެވުމާއެކު އޭލެވް ހަދާ ދަރިވަރުންނަށް އަލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 30،0000 ރުފިޔާ ޚަރަދުވާނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.