ސިއްހަތު

އައިޖީއެމްއެޗްގައި 100 އަށްވުރެ ގިނަ މީހުން ޑައިލިސިސް ހަދަމުންދޭ


ކިޑްނީ ބަލީގައި ޑައިލިސިސް ހަދަންޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު މިހާރުވެސް އައިޖީއެމްއެޗްގައި ސަތޭކައަށްވުރެން ގިނަ މީހުންނަށް ފަރުވާދެމުންދާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ދުނިޔޭގެ ކިޑްނީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މި އަހަރުގެ މިހާތަނަށް އައިޖީއެމްއެޗްގައި 150 މީހަކު ދަނީ ޑައިލިސިސް ހަދަމުންނެވެ. މީގެ ތެރޭގައި ހުރިހާ އުމުރުފުރާއެއްގެ މީހުން ތިބި ނަމަވެސް ގިނައީ އުމުރުން ދޮށީ މީހުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ ނިސްބަތުން 100 އަކުން 16 މީހަކީ ކިޑްނީ ބަލީގެ މީހެކެވެ. ކިޑްނީ ބައްޔަކީ ކިޑްނީގެ މަސައްކަތަށް ނުވަތަ ކިޑްނީގެ އުފެއްދުމަށް ސިއްޙީ ގޮތުން އެއްވެސް މައްސަލައެއް ކުރިމަތިވެ ކިޑްނީގެ މަސައްކަތްތައް ފުރިހަމަގޮތުގައި އަދާ ނުކުރެވުމެވެ. ކިޑްނީގެ ބަލީގެތެރޭގައި ކިޑްނީގައި ހިލަ އުފެދުމާއި، ކިޑްނީގައި ސިސްޓް އުފެދުމާއި ކިޑްނީން ޕްރޮޓީން ބޭރުވުން ހިމެނެއެވެ. ކުޑަކުދިންނަށް ދިމާވާ ކިޑްނީ ބަލިތަކުގެ ތެރޭގައި ކުޑަކަމުދިއުމުގެ ތެރޭގައި ކުޑަކަމުދާ ތަކެތި ބޭރަށް ދިއުމުގެ ބަދަލުގައި ކުޑަކަމުދާ ތަކެތީގެ ކޮންމެވެސް ޕަސެންޓެއް އަނބުރާ ކިޑްނީއަށް ދިއުމުން ޖެހޭ ބަލި ފާހަގަކޮށްލެވެއެވެ.

ކިޑްނީ ބަލި ޖެހުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވިފައިވަނީ ލޭމައްޗަށް ދިއުމާއި ހަކުރު ބަލި ކޮންޓްރޯލްނުވެ ދިއުންކަން ކަމާބެހޭ ޑޮކްޓަރުން ފާހަގަކުރައްވައެވެ. ކިޑްނީ ފެއިލްވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފެން ނުބުއިމުން ކުޑަކަމުދާ ނިޒާމުގައި ހިލަ އުފެދުމާއި އިންފެކްޝަންގެ މައްސަލަތައް ކުރަމަތިވުންވެސް ހިމެނެއެވެ.

އައިޖީއެމްއެޗްގައި ކިޑްނީ ބައްޔަށް ދެވޭ ފަރުވާގެ ޚިދުމަތްތައް ވަނީ ފުޅާކޮށް ތަރައްޤީކޮށްފައެވެ. ޓްރާންސްޕްލާންޓްކުރުން ފިޔަވައި އެހެން ހުރިހާ ފަރުވާއެއް ދެވޭނެ އިންތިޒާމު އައިޖީއެމްއެޗްގައި ވަނީ ހަމަޖައްސާފައެވެ. 2001 ވަނަ އަހަރު އައިޖީއެމްއެޗްގައި ޑައިލިސިސްގެ ޚިދުމަތް ފަށާފައިވަނީ 2 މެޝިނާއެކުއެވެ. އެހެންނަމަވެސް މިހާރު ޖުމްލަ 20 މެޝިނާއެކު ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 80 ޑައިލިސިސް ސެޝަން ހެދުމުގެ ޤާބިލްކަން އެބަހުރިކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ކިޑްނީ ފެއިލްވެ އައިޖިއެމްއެޗްގައި 150 އެއްހާ މީހުން ޑައިލިސިސް ހަދަމުންދާއިރު، މި ފަރާތްތަކުން ހަފްތާއަކު 3 ދުވަހު ދުވާލަކު 4 ގަޑިއިރަށް އެ ހޮސްޕިޓަލްގައި ދަނީ ޑައިލިސިސްގެ ޚިދުމަތް ދެމުންނެވެ.

ކިޑްނީ ފެއިލްވާ މީހުން ތަޙައްމަލު ކުރަމުންދަނީ ވަރަށް ބޮޑު ވޭނެކެވެ. ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ކިޑްނީ ނުލިބިގެން އެފަދަ އެތައް ބަޔަކު ވަރަށް ހާލުގައި ދިރިއުޅެމުންދެއެވެ. އަނެއްބަޔަކު ޑައިލިސިސް ހެދުމަށް މުޅި ޢުމުރުގައި ވަރަށް ބޮޑު ހޭދަކުރަންޖެހެއެވެ. އެހެންކަމުން ކިޑްނީ ބަލިތައް ފަދަ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުން މުޙިއްމެވެ.