ގދ،ތިނަދޫގައި އަލަށް ތަރައްޤީކުރާ މަސް ކާރުޚާނާގެ މަސައްކަތާއި، ކޫއްޑޫގެ މަސް ކާރުޚާނާއަށް އިތުރުކުރާ ފެސިލިޓީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ، މިފްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އެއްބްސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިސްމާޢީލް ފަޢުޒީއެވެ. އަދި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް ޢާޒިމެވެ.
ރާއްޖޭގެ ދެކުނުގެ ސަރަހައްދަކީ މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދެވެ. މިއާއެކު އެސަރަޙައްދުގެ މަސްވެރިން ބާނާ މަސް މިފްކޯއަށް ގަނެވޭނެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. ސަރުކާރުން ދާދިފަހުން ވަނީ ދެކުނުގައި އިތުރު މަސް ކާރުޚާނާތަކެއް ޤާއިމްކުރައްވާނެކަންވެސް އިއުލާންކުރައްވާފައެވެ.
މިގޮތުން ދެކުނުގައި އަލަށް މަސް ކާރުޚާނާ ޤާއިމްކުރަނީ ގދ.ތިނަދޫގައެވެ. ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ނަމުގައި ތަރައްޤީކުރާ އެ މަސް ކާރުޚާނާގެ ޢިމާރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. މީގެ އިތުރުކުރުން ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 120 ޓަނުގެ ބްރެއިން ފެސިލިޓީއެއް ޤާއިމްކުރުމާއި، ކޮންޓެއިނާ ޔާޑަކާއި، މަސް ބޯޓުފަހަރު ކައިރިކުރެވޭނެ އަންލޯޑް ޕްލެޓްފޯމެއް ޤާއިމްކުރުމުގެ މަސައްކަތެވެ.
މި ދެ މަޝްރޫޢުއަށް ބޭނުންވާ މެޝީނަރީތަކާއި ވަސީލަތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ކުރަމުންނެވެ. މިދެ މަޝްރޫޢުއަށް 45 މިލިއަން ރުފިޔާ މިފްކޯގެ ބަޖެޓުން ޚަރަދުކުރެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފަޢުޒީ ވިދާޅުވީ، ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ބޭނުނާ މެޝިނަރީތައް ކުރިއަށް އޮތް ފަންސަވީހަކަށް ދުވަހުގެ ތެރޭގައި މާލެ ގެނެވޭނެކަމަށެވެ. އެހެންކަމުން ތަކެތި ގެނައުމުގެ ކުރިން އެމްޓީސީސީން، ޢިމާރާތުގެ ފައުންޑޭޝަންގެ މަސައއްކަތްތައް ކުރިއަށް ގެންދާނެކަމަށް އިސްމާޢީލް ވިދާޅުވިއެވެ.
"މި މަސައްކަތާއެކު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މަސްވެރިންނަށް ދިމާވެފަ މިހުރި ހުރިހާ ގޮންޖެހުންތަކަށް އިރާދަކުރެއްވިއްޔާ ހައްލު ހޯދައިދެވޭނެކަމަށް. ޚާއްޞަކޮށް ހުވަދު އަތޮޅަކީ އެންމެ ގިނައިން މަސްބާނާ އަތޮޅުކަމަށްވެފައި ހުވަދު އަތޮޅުގެ މަސްވެރިްނަނށް ޚާއްޞަކޮށް ދެކުނުގެ މަސްވެރިންނަށް ދެކުނުގެ މަސްވެރިންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް އަދި ކެޕޭސިޓީ އިތުރުކުރުގެ ކަންކަން ކުރިއަށް މިއަދަނީ. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ މިހުރިހާ ކަމެއް ނިމޭއިރު މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ލިބޭނެކަމަށް." މިފްކޯގެ ސީއީއޯ އިސްމާޢީލް ފަޢުޒީ ވިދާޅުވިއެވެ.
އިސްމާޢީލް ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އިތުރު ފެސިލިޓީތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން ފުވައްމުލައްސިޓީގައި މަސް ގަންނަ ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމާއި، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި އެތަނުގެ ޢިމާރާތުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ. އަދި ފުވައްމުލަކު މަސްކިރުވާ މަރުކަޒަށް ބޭނުންވާ މެޝިނަރީއާއި އިލެކްޓިކަލް ޖަނެރޭޓަރު ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ފިޝަރިޒް ކޮމްލެކްސައަށް 50 ޓަނުގެ ބްރެއިން ފެސިލިޓީއެއް އިތުރުކުރުން ކުރިއަށްދާކަންވެސް އިސްމާޢީލް ފާހަގަކުރެއްވިއެވެ.
"މިއީ ތާރީޚުގައިވެސް މިފްކޯގެ ވަޞީލަތްތައް ތަރައްޤީކުރުމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މަސްވެރިންނަށް ބޭނުންވާ ރަނގަޅު ގޮތްތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަރަށް ރަނގަޅު ކުރިއެރުންތަކެއްލިބޭނެ ޕްރޮޖެކްޓުތަކެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން." މިފްކޯގެ ސީއީއޯ އިސްމާޢީލް ފަޢުޒީ ވިދާޅުވިއެވެ.
އިސްމާޢީލް ވިދާޅުވީ، މިސްކިރާ އިތުރު ބޯޓުތަކެއް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އެގޮތުން އަލަށް ގެންނަ ބޯޓުތަކާއެކު މިފްކޯއަށް މަސް ގަންނަ މިންވަރު ދެގުނަވާނެކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތްކުރިއަރުވައި ތަރައްޤީކުރުމަށްކުރެވޭ މަސައްކަތުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީންކުރިއަށް ގެންދަވާކަމަށެވެ. އެގޮތުން އައްޑޫ ފިޝަރިޒް ކޮމްޕްލެކްސްގެ މަސްކިރުވާ ބަނދަރާއި، މީމު މަސް ކާރުޚާނާއި އިހަވަންދޫގައި ތަރައްޤީކުރާ މަސައްކަތްފަދަ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމަވާނެކަމުގެ ޔަޤީންކަން ޢާޒިމް ދެއްވިއެވެ.
"އެމްޓީސީސީގެ ކެޕޭސިޓީގަ ތާރީޚަށް ހުރިހާ މަސައްކަތްތަކެއް ނިންމާ މިފްކޯ އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތަށް އިތުރު ބޮޅެއް އެކުވިގެންދާނެ. އެއްވެސް ލަސްތަކެއްނުވެ މަސައްކަތްތައް ނިންމާލެވޭނެ." އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރަމުން އަންނަ މަސްވެރިކަމުގެ ފެސިލިޓީތަކާއެކު މިފްކޯގެ ސްޓޯރޭޖް ފެސިލިޓީ 14000 ޓަނަށް އިތުރުވެގެންދާނެއެވެ. މިފްކޯއިން ބުނީ މަސްވެރިކަމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދަވާ މަސައްކަތްތަކުގެ އަގު 2 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.