ސަރުކާރުން ކުރިއަށް ގެންދާ ގޭދޮށު މަސް ފެކްޓްރީ މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގައި ބާނާ މަހުގެ ތެރެއިން ކުންފުނިތަކަށް ނުގަނެވޭ މަސްތައް އުކާނުލާ ޕްރޮސެސްކޮށްގެން ރައްޔިތުންނަށް ނަފާ ހޯދައިދިނުމެވެ. މި މަޝްރޫއުގެ ދަށުން މަސް ފިނިކޮށް އިތުރު އުފެއްދުންތައް މަހުން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދޭނެއެވެ.
ގޭދޮށު މަސްފެކްޓްރީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. މިގޮތުން އައްޑޫ ސިޓީގެ 3 ސަރަަހއްދެއްގައި ގޭދޮށު މަސްފެކްޓްރީ ޤާއިމްކުރުމުގެ މަސައްކަތްތައް ދަނީ ހިނގަމުންނެވެ. އެއީ އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މަރަދޫ އަދި ހުޅުމީދޫގައެވެ.
އައްޑޫސިޓިގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، ހުޅުމީދޫގައި ތަރައްޤީކުރަމުން އަންނަ ގޭދޮށު މަސްފެކްޓްރީގެ ބޮޑުބައި ނިމިފައިވާކަމަށެވެ. އަދި މަރަދޫގައި ތަރައްޤީކުރާ ގޭދޮށު މަސްފެކްޓްރީގެ ޕްރީފެބް ޢިމާރާތް މިހާރު އެރަށަށް ގެނެސްފައިވާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން ހިދަތޫގަްި ތަރައްޤީކުރާ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް އޭސީސީއާއި ފިނޭންސް މިނިސްޓްރީގެ އެންގެވުމަށް ހުއްޓިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް މިހާރު ފެށިގެންކުރިއަށްދާކަންމޭޔަރު ފާހަގަކުރެއްވިއެވެ. މޭޔަރު ވިދާޅުވީ، ގޭދޮށު މަސްފެކްޓްރީތައް ޤާއިމްކުރުމުގައި ލަސްތަކެއް އުޅުނުނަމަވެސް މިއަހަރު ފަހުކޮޅު ބައެއް ތަންތަނުން ޚިދުމަތް ދެވޭވަރަށް ތަރައްޤީކޮށް ނިމޭނެކަމަށެވެ.
"ހިތަދޫގެ ޓެންޑަރިންގެ ހުރި މައްސަލައެއްގަ އޭސީސީއާއި ފިނޭންސް މިނިސްޓްރީގެ ރިކަމަންޑޭޝަނަކަށް ހުއްޓިފަ އޮތް. ނަމަވެސް މިހާރު ކޯޓް ހުކުމެއް އައިސްފަ އެބައިން މަސައްކަތް ކުރިއަށް ގެންދިއުމަށް" މޭޔަރު ޢަލީ ނިޒާރު ވިދާޅުވިއެވެ.
މަރަދޫގައި ތަރައްޤީކުރާ ގޭދޮށު މަސްފެކްޓްރީއާއި ގުޅޭގޮތުން އެދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު ނާދިރު ވިދާޅުވީ މަރަދޫއަކީ މަސްވެރި ރަށަކަށްވެފައި، ގޭދޮށު މަސްފެކްޓްރިއާއިއެކު މަސްވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ. ނާދިރު ވަނީ ގޭދޮށު މަސްފެކްޓްރިއާއިއެކު، އައިސްޕްލާންޓެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން މަޝްވަރާކުރައްވަމުން އަންނަކަންވެސް ފާހަގަކުރައްވާފައެވެ.
"ދުވާލެއްގެ މައްޗަށް 10 ޓަނު އެމީހުން ޕްރޮސެސްކުރާނެ. އެއީވެސް ލިބިގެންދާނެ ކުރިއެރުމެއް. ދެން މަރަދޫ ބަނދަރު މިހާރު ވަނީ ޒަމާނީ ފެންވަރަށް ހަދާ ނިމިފަ. ދެން ސަރުކާރުން އިޝާރަތްކޮށްފަވަނީ އައިސްޕްލާންޓެއްބެސް ޤާއިމްކޮށްދޭނެކަމަށް."
ގޭދޮށު މަސްފެކްޓްރީގެ އިތުރުން، މަރަދޫ ބަނދަރުގައި މަސް މާރުކޭޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެތަނުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ނިމޭނެކަން ކައުންސިލަރު ފަހަގަކުރެއްވިއެވެ.
"މަސް މާރކޭޓް ކުރިއަށް ދެމަސްތެރޭ ނިންމާ ހަވާލުކުރާނެކަމަށް ކޮންޓެކްޓަރ މަޢުލޫމާތުދޭ. މިހާރު ކުރަނީ ހިޔާކުރުމާ ފިނިޝިންގެ މަސައްކަތް" ނާދިރު ވިދާޅުވިއެވެ.
އައްޑޫސިޓީގައި ޤާޢިމު ކުރާ ގޭދޮށު މަސް ޕްލާންޓްތަކުގައި 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އަދި މިމަސް ޕްލާންޓުތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފައިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.