ޚަބަރު

ވޯޓުލާ ނިމުމުން ބާކީވާ ވޯޓު ކަރުދާސްތަކުގައި ލޯވަޅެއް އަޅަން ނިންމައިފި


  • އިދިކޮޅު ޕާޓީތަކުން އެދުނީ ވޯޓުލާ ނިމުމުން ވަގުތުން ވޯޓު ކަރުދާސްތައް ނައްތާލުމަށް

  • ނަމަވެސް ޤާނޫނުން އެކަމަށް ޖާގައެއް ނުދޭ

  • އީސީން ނިންމީ ބާކީވާ ވޯޓު ކަރުދާސްތައް ޕަންޗުކުރުމަށް

ރިޔާސީ އިންތިޚާބުގައި ވޯޓުލައި ނިމުމުން ބާކީވާ ހުރިހާ ވޯޓު ކަރުދާހެއް ޕަންޗުކުރަން ނުވަތަ ލޯވަޅެއް އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިހެން ނިންމެވީ، ވޯޓުލާ ނިމުމުން ބާކީވާ ވޯޓު ކަރުދާހާމެދު ޢަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓިތަކާއި މަޝްވަރާކުރެއްވުމަށްފަހު، އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން އެދިފައިވަނީ، އިންތިޚާބުގެ ވޯޓުލާ ނިމުމުން، ބާކީވާ ވޯޓު ކަރުދާސްތައް ވަގުތުން ނައްތާލުމަށެވެ. ނަމަވެސް އެއީ ޤާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ހުށައެޅުއްވީ، ވޯޓުލާ ނިމުމުން ބާކީވާ ވޯޓުކަރުދާހުގައި ޕަންޗަރުން ލޯވަޅެއް އެޅުން ނުވަތަ ބާކީވާ ވޯޓު ކަރުދާސް ކަނުން ކަފާލުމަށެވެ.

ޤައުމީ ލަފާދޭ ކޮމިޓީގައި ހުށައެޅި އެ ޚިޔާލަށް ރިޔާޢަތްކުރައްވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވަނީ، އިންތިޚާބުގެ ވޯޓުލާ ނިމުމުން، ބާކީ ހުންނަ ވޯޓުކަރުދާސްތައް ސެކިއުރިޓީ އުރައިގައި ބަންދު ކުރުމުގެ ކުރީން، އެ ކަރުދާސްތަކަކީ "އިންވެލިޑް" ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައިހުންނަ ފަރާތުން، ވޯޓު ކަރުދާސްތައް ޕަންޗު ކުރެއްވުމަށެވެ. މިއީ އިންތިޚާބީ ނިޒާމްގެ އިތުބާރު ބޮޑުކުރުމަށްޓަކައި ކުރުމަށް ނިންމެވި ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.

"އިދިކޮޅު ޕާޓީތަކުން ވަރަށް ބޮޑަށް ބޭނުންފުޅުވޭ ބާކީ ހުންނަ ވޯޓު ކަރުދާހަށް ކޮންމެވެސް ގޮތެއްވާން. މީގަ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމުގެ ކުރިންވެސް ޕީޕީއެމް ޕީއެންސީގެ ފަރާތުން މިވާހަކަ އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރައްވާފައޮތީ. އެބޭފުޅުން ބޭނުންފުޅުވަނީ ވޯޓްކަރުދާސްތައް ނައްތާލައްވަން. އެހެންނަމަވެސް ވޯޓު ކަރުދާސްތައް ޤާނޫނީގޮތުން ނައްތާލަން ޖެހުމުގެ ކުރިން ނައްތާލުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫން. އެހެންކަމުން ކޮމިޝަނުން ލަފާދޭ ކޮމިޓީގެ ލަފާ ދެއްވާފަ އޮތްގޮތުގެ މައްޗަށް އަޅުގަނޑުމެން ވިސްނާފަ ކޮމިޝަނުން ނިންމީ ބާކީ ހުންނަ ވޯޓު ކަރުދާސް ޕަންޗުކޮށްފަ ލޯވަޅެއް އަޅަން. އެހެންވީމަ ބާކީ ހުންނަ ވޯޓު ކަރުދާހުގަ ކެނޑިޑޭޓް ނަންބަރު އޮންނަ ފަޅީގަލޯވަޅެއް އަޅާފަ ހުންނާނީ. ހަމަ އެންމެންގެ ކުރިމަތީ އެކަން ހިނގާނީ." އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.


އިންތިޚާބުތަކާއި ބެހޭ ޤާނޫނު ބުނާގޮތުން ވޯޓު ކަރުދާސްތައް ނައްތާލެވޭނީ ވޯޓުލާ ނިމި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށްފަހު އަދި ކޯޓުތަކުގައި އިންތިޚާބާއި ގުޅިގެން ހިންގާ މައްސަލަތައް ނިމުމުން އޭގެ 14 ދުވަސް ފަހުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި ބޭއްވުމަށް އިލެކްޗަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.