ޚަބަރު

ހުޅަނގު މޫސުމުގެ ބާރު ގަދަވަނީ، ބައެއް ރަށްރަށަށް އުދައަރާފާނެ: މެޓު


  • ހުޅަނދު މޫސުމުގެ ބާރު ދަނީ ގަދަވަމުން

  • 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ

  • ވިލާގަނޑުގައި ބައެއް ސަރަހައްދުތަކަށް 45 މޭލަށް ވައިގަދަވާނެ

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްރަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުމުގެ ސަބަބުން އެލާޓްވެސް ނެރެފައެވެ. އެގޮތުން ރ.އަތޮޅުން ފެށިގެން ފ.އަތޮޅައި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓްތައް ނެރެފައިވަނީ މިރޭ 22:00އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސަރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނދުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އަދި
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާދެމެދު އަދި ދެކުނުގައި 2 ފޫޓާއި 4 ފޫޓަށް ރާޅުގެ އުސްމިން ހުންނާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

އެ އިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން އުތުރާއި މެދުރާއްޖެތެރޭގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މުސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.