ޚަބަރު

އައްޑޫ ޓޫރިޒަމް ޒޯންތަކުން އެކަނިވެސް 5000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެ: މޭޔަރު


  • ޓޫރިޒަމް ޒޯންގެ ގޮތުގައި ފަސް ސަރަހައްދެއް ވަނީ ކަނޑައަޅަފައި

  • މިހާރު ވަނީ ބައެއް ޒޯންތަކުގެ މަސައްކަތް ފަށާފައި

  • ޓޫރިޒަމް ޒޯނުން އެކަނިވެސް 5000 އެނދު ޓޫރިޒަމަށް ނެރުމަށް ވަނީ ޢަމާޒުކޮށްފައި

  • އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

އައްޑޫސިޓީ ޓޫރިޒަމް ޒޯން މަޝްރޫޢާއެކު ފަސް ހާސް އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ޓޫރިޒަމް ޒޯން މަޝްރޫޢުއަކީ އައްޑޫގެ ފަސް ސަރަހައްދެއްގައި ޓޫރިޒަމް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުއެކެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. އެ ޢަމާޒަށް ވާސިލްވުމަށް ސަރުކާރުން އަންނަނީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކުރައްވަމުންނެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގާ އެންމެ މުހިންމު އެއް މަޝްރޫޢުއަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. އެ ބިޔަ މަޝްރޫޢު ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ. މިއާއެކު އެއަރޕޯޓް މަޝްރޫޢޫ ނިމެންވާއިރަށް ފަތުރުވެރިކަން އައްޑޫސިޓީގައި ފައްކާކުރުމަށް ސިޓީ ކައުންސިލުން ސަރުކާރާގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އައްޑޫސިޓީގެ ފަސް ސަރަހައްދެއް ޓޫރިޒަމް ޒޯންގެ ގޮތުގައި ކަނޑައަޅައި އެތަންތަން އަންނަނީ ތަރައްޤީކުރައްވަމުންނެވެ.

އެއީ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫގެ އިތުރުން މީދޫއެވެ. އެ ރަށްތަކުގައި ކަނޑައަޅާފައިވާ ޓޫރިޒަމް ތަރައްޤީކުރާ ސަރަހައްދުތައް ސާފުކޮށް މިހާރު ވަނީ ގެސްޓް ހައުސް އާއި ޓޫރިޒަމްގެ އެހެނިހެން ވަސީލަތްތައް ތަރައްޤީކުރަން ފަށާފައެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢޫއެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، ޓޫރިޒަމް ޒޯންތަކުގެ ޕްލޮޓްތައް ކަނޑައަޅާ އެތަންތަން ތަރައްޤިކުރުމަށް މިހާރު ދޫކޮށްފައިވާކަމަށެވެ. އެތަންތަން ތަރައްޤީކުރާ ޕްލޮޓްތަލުގެ ވެރިންނަށް ސަރުކާރުގެ ލޯނުގެ އެހީ ފޯރުކޮށްދެއްވަމުން އަންނަކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ، ޓޫރިޒަމް ޒޯންތަކުން އެކަނިވެސް ފަސް ހާހެއްހާ އެނދު ޓޫރިޒަމަށް ނެރެވޭނެކަމަށެވެ. އަދި ޓޫރިޒަމް ޒޯންތަކުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެހުރީ ޕްލޮޓްތައް ދޫކޮށްފަ. އަދި ލޯންތައް ހޯދުމަށްވެސް ސަރުކާރުން މަސައްކަތް އެބަކުރޭ. ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނާ ގުޅިގެން މި ޕްލޮޓްތައް ޑިވެލޮޕް ކުރުމަށްޓަކައި ޕްލޮޓްތަކުގެ އޯނަރުންނާއެކު މަސައްކަތްކުރަމުންދަނީ. ކައުންސިލުން 73 ޕްލޮޓް ދޫކޮށްފަ އެއޮތީ. އަދި އެއާއި ރިލޭޓެޑް ކަންކަމަށް 85 ޕްލޮޓް ދޫކޮށްފަ އެއޮތީ. ޕްލޮޓްތައް ޑިވެލޮޕްކުރަންޖެހެނީ ޕްލޮޓްތައް ނެގި ފަރާތުން. އަޅުގަނޑުމެން ގާތްގަނޑަކަށް ހިލޭ އެތަންތަން ދީފަ އެއޮތީ. ހިލޭ. އެހެންވީމަ އެގޮތަށް އެކަންވީމަ އަޅުގަނޑުމެން ކުރަން ޖެހޭކަންކަން ކުރެވިފަ އެއޮތީ. އަޅުގަނޑުމެން އުންމީދަކީ ޓޫރިޒަމް ޒޯންތަކުންވެސް ފަސްހާސް ހެނދު އައުން." މޭޔަރު ޢަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ޓުރިޒަމް ޒޯން މަޝްރޫޢުއާއި ގުޅޭގޮތުން ފޭދޫ ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފައިޞަލް ވިދާޅުވީ، އެރަށުގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ކަނޑައަޅަފައިވާ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ޤާއިމްކުރުން ކުރިއަށްދާކަމަށެވެ.

"ޓޫރިޒަމް ޒޯން ތަރައްޤީކުރުމަށް އެސްއެމްއީ ބޭންކު މެދުވެރިކޮށް އެވޯޑްކުރެވިޮފައިވާ މީހުން އެބޭންކާ ވާހަކަ ދެކެވިގެން ކުރިއަށް އެބަދޭ. އުއްންމީދަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެން ދިއުން. ފޭދޫ އަދި އައްޑޫގެ އިކޮނޮމީ ކުރިއަރައިގެން ރައްޔިތުންނަށް އުފާފާގަތިކަން ލިބިގެންދާނެ." ފައިސަލް ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު ނާދިރު ވިދާޅުވީ އައްޑޫގެ ޓުރިޒަމަށް މީގެ ކުރިން އެއްވެސް ސަރުކާރުން މަސައްކަތްނުކުރާ މިންވަރަށް މިސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

"އެއްވެސް ސަރުކަރަކުން މަސައްކަތް ނުކޮށްދޭވަރަށް ކޮށްދީފި. ރާއްޖޭގެ އެއްވެސް ތާކުން ނުދޭވަރަށް އަގުހެޔޮކޮށް ބިންދީފަ މިވަނީ.." ނާދިރު ވިދާޅުވިއެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރުމާއި ގުޅޭގޮތުން އައްޑޫގެ ބައެއް ރައްޔިތުންވެސް ވަނީ، ރަށުގައިތިބެ އާމްދަނީއެއް ހޯދޭނެ މަގު އައްޑޫ ރައްޔިތުންނަށް މިހާރު ފަހިވަމުން އަންނަކަން ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެން ކުރާ އުއްމީދެއް ރަށުގައި ތިބޭ އާމްދަނީއެއްހޯދުން. މިހާރު އެބަފެނޭ ސަރުކާރެއް އައްޑޫގެ ރައްޔިތުންނާ ހެދި އުޅޭ ބަޔަކު ތިބިކަން. ރަށުގަ އަމިއްލަ ވަޒަނުގަ ތިބެގެން ދުނިޔެ އުޅޭނޭވެ ނިޒާމެއް ޤާއިމްކޮށްދޭކަން." އައްޑޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އައްޑޫ ޓޫރިޒަމް ޒޯންތައް ތަރައްޤީކުރުމުގެ މަޤްޞަދަކީ އިންވެސްޓަރުން ޝަޢުގުވެރިކުރުމަށް ޚާއްޞަ ސަރަހައްދުތަކެއް ކަނޑައަޅައި ތަރައްޤީކުރުންކަމަށެވެ. އެގޮތުން ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްޤީކުރަ ހުރިހާ ބިމެއްގެ ޕްލޮޓްތައް މިހާރު އެވޯޑްކޮށްފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެ ސަރަަހއްދުތަކުގައި ގެސްޓްހައުސްގެ އިތުރުން ވޯޓަރ ސްޕޯޓްސްއާއި އެނޫންވެސް ފަތުރުވެރިކަމުގެ ގިނަ ވަސީލަތްތައް ޤާއިމްކުރެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.