ވިޔަފާރި

އޮމާން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


  • މިއީ ހޫނު މޫސުމާއި ދިމާކޮށް ކުރާ ދަތުރުތަކެއް

  • ހަފްތާއަކު 4 ދަތުރު ކުރާނެ

  • ދަތުރުތައް ކުރާނީ އޮމާންގެ މަސްކަޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް

އޮމާން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. މިއީ މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކެކެވެ.

އޮމާން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ އިއްޔެއެވެ. އެ އެއަރލައިނުން ރާއްޖެއަށް ދަތުކުރާނީ ހަފްތާއަކު 4 ދުވަހުއެވެ.

މި ދަތުރުތައް ކުރާނީ އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މިދަތުރުތަކުގެ އަގު އުޅެނީ މީހަކަށް 385 ޑޮލަރަށެވެ.

އޮމާން އެއަރއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް 2016 ވަނަ އަހަރު އެދަތުރުތައް ވަނީ ހުއްޓާލާފައެވެ. އަދި 2018 ވަނަ އަހަރު އެއެއަރލައިނުން ވަނީ އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މިހާރު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދަނީ ޗާޓަރ ދަތުރުތަކެކެވެ. އެއީ ފަތުރުވެރިން ގިނައިން އަންނަ ދުވަސްވަރަށް ބާއްވާ ދަތުރުތަކެކެވެ.

މި ދަތުރުތަކާއިއެކު އޮމާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ކުރިއެރުން އަންނާނެއެވެ. މި އަހަރުގެ ފުރަތަމަ 4 މަސްދުވަހު އޮމާނުން ރާއްޖެއަށް 311 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 309 ފަތުރުވެރިންނެވެ.

މިހާރު ވެސް ރާއްޖެއަށް ބޭރުގެ 35 އެއަރލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތަައް ބާއްވަމުންނެވެ. އަދި މި ހަފްތާގެ ތެރޭގައިވެސް އިތުރު 2 އެއަރލައިނަކުން ވަނީ ރާއްޖެއަށް ޗާޓަރ ދަތުރުތައް ފަށާފައެވެ. އެއީ މެލޭޝިއާގެ ބަޓިކް އެއަރލައިންއާއި އަދި ސައުދީއަރަބިއްޔާގެ ފްލައިނާސް އެއަރލައިނެވެ.