ވިޔަފާރި

އެމްއެމްޕީއާރުސީން ސީއައިއެސް ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖޮއިންޓް ކެމްޕެއިނެއް


  • މި ކެންޕެއިން ކުރިއަށްދާނީ ޖުލައި މަހުގެ ނިޔަލަށް

  • ޑިޖިޓަލް، ސޯސަލް މީޑިއާ، އަދި އައުޓްޑޯރ ކެންޕެއިންތައް ކުރިއަށްގެންދާނެ

  • ސީއައިއެސް ޤައުމުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޤައުމުތަކެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ސީއައިއެސް ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖޮއިންޓް މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ. މި ކެންޕެއިން ކުރިއަށްގެންދަނީ ކޮންޕަސް ޓުއާސްއާއި ގުޅިގެންނެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެންޕެއިންގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް ކޮމަންވެލްތު އޮފް އިންޑެޕެންޑެންޓް ސްޓޭޓްސް ނުވަތަ ސީއައިއެސް މާކެޓްގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާކުރުމަށް ޑިޖިޓަލް އަދި ޓްރެޑިޝަނަލް މާކެޓިންގެ ހަރަކާތްތަކުގައި، އެ މާކެޓްތަކުގެ ބަސް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރާނެކަމަށެވެ. މި ކެމްޕެއިން ކުރިއަށްދާނީ ޖުލައި މަހުގެ ނިޔަލަށެވެ.

ކޮންޕަސް ޓުއާސްއަކީ ސީއެސްއައި ޤައުމުތަކުގައި 17 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޓުއަރ އޮޕަރޭޓަރެކެވެ. ސީއެސްއައި ޤައުމުތަކުގެ ތެރޭގައި ރަޝިއާ، ބެލަރޫސް، ކިރްގިސްތާން، ތުރުކެމިނިސްތާން، މޮލްޑޯވާ، އަޒަރުބައިޖާން، އުޒްބެކިސްތާން، ކަޒަކިސްތާން، އަރްމޭނިއާ އަދި ތަޖިކިސްތާން ހިމެނެއެވެ.

ކޮންޕަސް ޓުއާސްއަކީ މި ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ އެއް ޓުއަރ އޮޕަރޭޓަރެވެ. އެހެންކަމުން ކޮންޕަސް ޓުއާސްއާއިއެކު ކުރިއަށް މިގެންދާ ކެންޕެއިންގެ ސަބަބުން ރާއްޖެއާއި ބެހޭ މައުލޫމާތު ބޮޑު އޯޑިއަންސްއަކަށް ފޯރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކެންޕެއިންގެ ތެރެއިން ޑިޖިޓަލް، ސޯސަލް މީޑިއާ، އަދި އައުޓްޑޯރ ކެންޕެއިންތައް ކުރިއަށްގެންދާނެއެވެ. މި ކެންޕެއިންގެ ތެރެއިން ރާއްޖޭގެ އުފެއްދުންތަކާއި، ތަޖުރިބާތަކާއި، ސެގްމަންޓްތައް ހިމަނާފައިވާއިރު ހަނީމޫނާއި އާއިލީ ޗުއްޓީތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި އަލިއަޅުވާލާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ސީއައިއެސް ސަރަހައްދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ސަރަހައްދެކެވެ. ރަޝިއާއަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ އެއް ޤައުމެވެ. އެމްއެމްޕީއާރުސީން 2022 ވަނަ އަހަރު ސީއައިއެސް މާކެޓަށް ޖުމްލަ 16 ހަރަކާތެއް ހިންގާފައިވާއިރު މިދިޔަ އަހަރު މި މާކެޓުން ރާއްޖެއަށް 238،951 ފަތުރުވެރިން ވަނީ އައިސްފައެވެ.