2022 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ފަސްކޮށްފިއެވެ. މީރާއިން ބުނީ އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި 9 ޖުލައި 2023 އަށް ފަސްކޮށްފައިވާކަމަށެވެ. މި ޓެކްސް ކުރިން އޮތްގޮތުން ދައްކަންޖެހެނީ 2 ޖުލައިގައެވެ.
މީރާއިން ބުނީ ސުންގަޑި ފަސްކޮށްދީފައިވަނީ މިހިނގާ ޖޫން މަހުގެ ފަހު ހަފްތާ ޢީދު ޗުއްޓީއާ ދިމާވާތީ، 2022 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކޮށް ސުންގަޑިއަށް ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށްކަމަށެވެ. ހަފްތާ ބަންދާއި، ހައްޖާއި ޢީދު ބަންދާއެކު، މިމަހު 23 އިން ފެށިގެން 1 ޖުލައިގެ ނިޔަލަށް ސަރުކާރު ބަންދެވެ.
އާމްދަނީން ނަގާ ޓެކްސްގެ ސުންގަޑިއަށް ބަދަލުގެނައި ނަމަވެސް، 2 ޖުލައި 2023 ގައި އަންނަ އެހެން އެއްވެސް ސުންގަޑިއަކަށް ބަދަލުގެނެސްފައި ނުވާކަން މީރާއިން ފާހަގަކުރެއެވެ. އެހެންކަމުން، ކުރިއެކޭ އެއްގޮތައް މޭ މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން، އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން އަދި މިއަހަރުގެ 3 ވަނަ ކުއާރޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑިއަކީ 2 ޖުލައި 2023 ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީރާއިން ބަލައިގަންނަ ޓެކްސްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް މީރާގެ އޮންލައިން ޕޯޓަލް 'މީރާކަނެކްޓް' މެދުވެރިކޮށް ދެއްކޭނެއެވެ. އެހެންކަމުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކުމަށް މި ޚިދުމަތް ވީހާ ވެސް ގިނަ ފަރާތްތަކުން ބޭނުންކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.