މިއަހަރުގެ މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ %19 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު މިއަހަރުގެ މެއި މަހު އިމްޕޯޓް އެކްސްޕޯޓް އަދި އާމްދަނީވެސް ވަނީ އިތުރުވެފައެވެ. މެއި މަހު ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި 357 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2022 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު %19 އިތުރު އަދަދެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު އިމްޕޯޓް ވަނީ %5 އިތުރުވެފައެވެ. އެއީ 4.6 ބިލިއަން ރުފިޔާއެވެ.
އިންޑިއާ - %19 މުދާ (901 މިލިއަން ރުފިޔާ)
ޔޫއޭއީ - %14 މުދާ (645 މިލިއަން ރުފިޔާ)
ޗައިނާ - %14 މުދާ (642 މިލިއަން ރުފިޔާ)
އޮމާން - %12 މުދާ (551 މިލިއަން ރުފިޔާ)
ސިންގަޕޯރ - %9 މުދާ (419 މިލިއަން ރުފިޔާ)
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ފިއުލްގެ އެކިއެކި ބާވަތްތަކެވެ. އެއީ މުޅި ޖުމްލަ 834 މިލިއަން ރުފިޔާގެ މުދަލެވެ. 2 ވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ މެޝިނަރީއާއި، އިލެކްޓްރިކް އެކިއެކި ސާމާނެވެ. އެއީ 824 މިލިއަން ރުފިޔާގެ ތަކެއްޗެވެ. 813 މިލިއަން ރުފިޔާގެ ތަކެއްޗާއިއެކު 3 ވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކެވެ.
މެއި މަހު ރާއްޖެއިން 285 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު %37 އިތުރު އަދަދެކެވެ.
ތައިލޭންޑް - %61 މުދާ (175 މިލިއަން ރުފިޔާ)
ގްރޭޓް ބްރިޓެއިން - %17 މުދާ (48 މިލިއަން ރުފިޔާ)
ޖަރުމަނުވިލާތް - %7 މުދާ (20 މިލިއަން ރުފިޔާ)
ބަންގްލަދޭޝް - %2 މުދާ (5 މިލިއަން ރުފިޔާ)
އިޓަލީވިލާތް - %2 މުދާ (5 މިލިއަން ރުފިޔާ)
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން އެކްސްޕޯޓްކުރީ ފިނިކުރި ސްކިޕްޖެކް ޓޫނާއެވެ. އެއީ މުޅި ޖުމްލަ 175 މިލިއަން ރުފިޔާއެވެ.