ޕކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރި އަރިއަތޮޅު ދެކުނުބުރި ލޮނުބޮއި، ދަތުރުދިއުމަށް ހުޅުވާލައިފިއެވެ.
އދ އަތޮޅުގެ ރައްޔިތުން ދަތުރުދާން ހާއްސަ ރަށެއްގެ ގޮތުގައި ލޮނުބޮއި ތަރައްޤީކޮށްފައިވަނީ އެ އަތޮޅު ކައުންސިލުން އިސްނަގައިގެނެވެ.
ލޮނުބޮއިއަކީ ޓޫރިޒަމް މިނިސްޓްރީން އދ. އަތޮޅުގެ ކައުންސިލާއި ހަވާލުކުރައްވާފައިވާ ރަށެކެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި މިރަށް ހުޅުވާލާފައިވަނީ މި ރަށުގައި ދަތުރުދާ މީހުންނަށް ވަރަށް ބޭނުންވާނެ ވަސީލަތްތަކާއެކުއެވެ. އެގޮތުން މިރަށުގައި ހަޓްތަކާއި، އަށިތަކާއި ފާހާނާތަކާއި ނަމާދުކުރެވޭނެ ތަންތައް ޤާއިމްކޮށްފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ..
ކައުންސިލުން ވިދާޅުވީ އެ ރަށަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްފައިވަނީ އޯ.އެމް މޯލްޑިވްސްއާއިއެކު އދ. އަތޮޅު ކައުންސިލުންވެފައިވާ އެއްބަސްވުމެއްގެ ދަށުން އޮޓްރިގަރ މޯލްޑިވްސްގެ އެއްބާރުލުމާއިއެކުގައިކަމަށެވެ.
އދ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ރަށް ބެލެހެއްޓުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށާއި، އަދި ހަފްތާ ބަންދުގައި މި ރަށަށް އެއްވެސް ފީއަކާއި ނުލައި އަތޮޅުގެ ރައްޔިތުންނަށް ދަތުރުދެވޭނެކަމަށެވެ.
ހަފްތާ ބަންދު ނޫން ދުވަސްތަކުގައި މިރަށައް ދަތުރުދާން ފީއެއް ދައްކަންޖެހޭނެއެވެ. އަދި އދ. އަތޮޅުނޫން އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް މިރަށައް ދަތުރުދެވޭނީ އެ އަތޮޅުގެ ބަޔަކާއި ގުޅިގެންނެވެ. އެގޮތުން ދަތުދުދާ ޓީމުގެ 2 ބައިކޮށްފައި އެއްބައި މީހުންނަކީ އދ. އަތޮޅުގެ ރައްޔިތުންނަށް ވާންވާނެކަމަށް އދ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ..
އދ. އަތޮޅު ކައުންސިލުން ވަނީ މިރަށަށް ދަތުރުދާ ފަރާތްތަކުން ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކަށް އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
މިރަށް ދަތުރު ދިއުމަށް ހުޅުވާލުމުގެ ރަސްމިއްޔާތުގައި އދ. ކުނބުރުދޫ ކައުންސިލްގެ ޓީމަކާއި އދ. ދިއްދޫ ކައުންސިލްގެ ޓީމުން ވަނީ ވޮލީ މެޗެއް ކުޅެފައެވެ...