ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އޭޓީއެމްއެއް ހުޅުވައިފިއެވެ.
މި އޭޓީއެމް ބަހައްޓާފައިވަނީ ހުޅުމާލެ ފޭސް2 ވިނަރެސް ފްލެޓްގައެވެ.
މިއީ ހުޅުމާލެ ފޭސް2ގައި ބެހެއްޓި ފުރަތަމަ އޭޓީއެމްއެވެ. މި އޭޓީއެމް ހުޅުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ރިޒާ ވިދާޅުވީ، މިވަގުތު އެމްއައިބީން ހުޅުމާލެ ފޭސް2 ގައި ހުޅުވީ އެންމެ އޭޓީއެމްއެއްކަމަށެވެ. އެހެންނަމަވެސް މުސްތަޤްބަލުގައި އޭޓީއެމް ގިނަކޮށް ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ފުޅާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން މުސްތަޤްބަލުގައި މިތަނަށް ފައިސާ ޖަމާކުރެވޭ އޭޓީއެމްއެއްވެސް ލާނަން. ޖާގައިގެ ދަތިކަން ހުރިގޮތުން އެންމެ އޭޓީއެމްއެއް މި ބެހެއްޓުނީ. އެހެންނަމަވެސް އަޅުގަނޑުމެން އުންމީދުކުރަނީ ފޭސް2 ގައި ދިރިއުޅުއްވާ އަޅުގަނޑުމެންގެ ހުރިހައި ކަސްޓަމަރުންނަށްވެސް އަދި އެހެން ބޭންކްތަކުގެ ކަސްޓަމަރުންނަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް މި އޭޓީއެމްގެ ސަބަބުން.” އަޙްމަދު ރިޒާ ވިދާޅުވިއެވެ.
މި އޭޓީއެމްއިން ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެކަމަށް އެމްއައިބީން ބުނެއެވެ. ފޭސް2 ގައި ގިނަ އަދަދެއްގެ އާބާދީއެއް ދިރިއުޅެމުން އަންނައިރު ޚާއްސަ އިސްކަމެއްދީގެން މި އޭޓީއެމް ސަރވިސްކުރުމާއި އަދި ފައިސާ އެޅުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެމްއައިބީން ބުނެއެވެ. މި އޭޓީއެމްއާއެކު އެމްއައިބީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވާ އޭޓީއެމްގެ އަދަދު ވަނީ 24 އަށް އަރާފައެވެ.