ސަރުކާރާއެކު މަޝްވަރާކޮށްގެން ސިޔާސީ މަސްރަޙަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް އިދިކޮޅު އެމްޑީޕީން ފަސްޖެހެމުންދާކަމަށް، ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަންފީޒްކުރައްވަމުން ގެންދަވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމަށް ލުޔެއް ދެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރުން އެމްޑީޕީއަށް ވަކިން ފޮނުއްވެވި ދަޢުވަތުވެސް އެޕާޓީން ޤަބޫލްކޮށްފައެއްނުވެއެވެ. އެހެންކަމުން މިކަމާއި ގުޅޭގޮތުން ސަރުކާރާއި އެމްޑީޕީއިން މަޝްވަރާކުރުމަށް މިއަދު އެކެއް ޖަހާއިރަށް އެޖެންޑާކުރި ބައްދަލުވުންވެސް ކުރިއަށް ގެންދެވިފައެއްނުވެއެވެ. މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން މަޝްވަރާގެ މޭޒަށް އެމްޑީޕީ ގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވާފައިވެއެވެ.
ސަރުކާރުން މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނެވި އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރައްޔިތުންނާއި ޤައުމަށްޓަކާ އެމްޑީޕީގައި އެއްވެސް އިޚުލާސްތެރި ކަމެއް ނެތްކަމަށެވެ.
އެމްޑީޕީއަށް ވަކި ދަޢުވަތެއް ފޮނުވުމުން ވެސް ތަފާތު ބަހަނާތައް ދައްކައި ސަރުކާރަށް އިލްޒާމްތަކެއް މަތިކުރަމުން ގެންދާކަމަށާއި، އިޚްލާސްތެރިކަމާއެކު މަޝްވަރާ ކުރުމުގެ ނިޔަތެއް އެމްޑީޕީގައި އޮތް ކަމަކަށް ސަރުކާރުން މިހާރު ޤަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދަށް ލުއެއް ދެއްވުމާ ގުޅޭގޮތުން މަޝްވަރާއަށް އެމްޑީޕީ ވަޑައިގެންފައި ނުވާތީ އެމަނިކުފާނު މިނިވަންކުރަން އެމްޑީޕީން ބޭނުންވޭތީ މިނިސްޓަރ ޝައިނީ ސުވާލު އުފެއްދެވިއެވެ.
ރައްޔިތުންގެ ހައްގުގައި ސަރުކާރު ވަރުބަލި ނުވާނެ ކަމަށާއި، އަނެއްކާ ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތެއް ރޭވުމަށްފަހު ދައުވަތު ދެއްވާނެކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. މަޝްވަރާތަކަށް އިދިކޮޅު އެމްޑީޕީން އެއްބާރުލުން ނުދިން ނަމަވެސް ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް މަޝްވަރާތައް ބާއްވަން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް ފެންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އދ.އާއި ބޭރުގެ ފަރާތްތަކުގެ އެހީ ހޯއްދަވައިގެން ހުރިހާ ޕާޓީއެއް މަޝްވަރާގެ މޭޒުގެ ކައިރިއަށް ގެނައުމަށް އަދިވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުން އިސްވެ ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި މިހާތަނަށް ބައިވެރިވި ޕީޕީއެމާއި، އެމްޑީއޭއާއި ޖުމްހޫރީ ޕާޓީއާއި ޑީއާރުޕީން ދަނީ މަޝްވަރާތަކަށް އެއްބާރުލުން ދެމުންނެވެ.