ފަތުރުވެރިކަމަށް ދިމާވާ އެކިއެކި ކާރިސާތަކުގައި ފަތުރުވެރިންނަށް އެހީތެރިވެދނުމާގުޅޭ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ "އިންޓަނޭޝަނަލް ކޯޑް ފޮރ ދި ޕްރޮޓެކްޝަން އޮފް ޓޫރިސްޓް" އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމެވެ. މިނިސްޓަރ މަޢުޞޫމް މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކެމްބޯޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، މި އެއްބަސްވުމަކީ ދިމާވާ އެކި ކާރިސާތަކުގައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ. މިއީ ދިވެހިރާއްޖެއަށް ވަރަށް ފަރިތަކަމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވައިފައެވެ. އެއީ ސުނާމީ ކާރިސާ އަދި ދާދިފަހުން ކުރިމަތިވި ކޯވިޑްގެ ތެރޭގައިވެސް ރާއްޖެއިން ވަނީ ފަތުރުވެރިންނަށް އެހީތެރިވެދީފައެވެ.
މިނިސްޓަރ ވިދާޅުވީ، މި 2 ކާރިސާގައި ވެސް ރާއްޖެއިން ފަތުރުވެރިންނާމެދު އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން މުޅި ދުނިޔޭގެ ތަޢުރީފު ރާއްޖެއަށް ލިބިގެންދިޔަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމަށް ބޮޑު ކަމެއް ދިމާވެއްޖެ ޙާލަތުގައި އެއްޤައުމު އަނެއް ޤައުމާ ގުޅިގެން ފަތުރުވެރިންނަށް ބުރަބޮޑުނުވާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ. މި އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކަށް ދަތުރުކުރާއިރު ފަތުރުވެރިންނަށް ވެސް އެ ހިތްހަމަޖެހުން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މީގަ ބޮޑަށް އޮންނާނީ ބޮޑުކަމެއް ފަތުރުވެރިކަމުގެ ސިނާއަތައް ދިމާވެއްޖެ ޙާލަތުގައި އެއް ޤައުމު އަނެއް ޤައުމާއި ވާހަކަދައްކައިގެން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި ވާހަކަދެކެވިގެން ޓޫރިސްޓުންނަށް ތަކުލީފު ކުޑަ ގޮތަކަށް އެމީހުންނަށް ބުރަ ބޮޑު ނުވާނެގޮތަކަށް އެމީހުންގެ ކަންތައްތައް ބެލެހެއްޓުން. ޔޫއެންޑަބްލިއުޓީއޯއިން ބޮޑަށް ބޭނުންވަނީ އެކި ޤައުމުތަކުގެ ތަޖުރިބާތައް ހިއްސާކޮށް ކުރިއަށްއޮތް އަހަރުތަކުގައި ބޮޑަށް ފައިނަލައިޒްކުރުން. ފައިނަލްވެގެންދާއިރު މުޅި ދުނިޔޭގައި ޓޫރިސްޓުންނަށް ގަބޫލުކުރެވޭ އިންޓަނޭޝަނަލް ކޯޑް އޮފް ޕްރޮޓެކްޝަނެއް އޮންނާނެ. ބައިވެރިވެފައި އޮންނަ ގައުމުތަކަށް ޓޫރިސްޓުންދާން މާބޮޑަށް ހިތްހަމަޖެހޭނެ. އިނގޭނެ ބައިނަލްއަޤްވާމީ ނެޓްވޯކަކުން ގުޅާލެވިފައިވާ ސިސްޓަމެއްގެ ތެރެއިންކަން އެމީހުންގެ ދަތުރުފަތުރު މި ރޭވެނީ" މިނިސްޓަރ ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ދުނިޔޭގެ ބައެއް ޤައުމުތަކުން ވަނީ ސޮއިކޮށްފައެވެ. އަދި ރާއްޖެއާއެކު ކެންބޯޑިއާ އާއި އިންޑޮނޭޝިއާއިން ވެސް ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ކޯވިޑަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 861،167 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު %14.2 ކުރިއެރުމެކެވެ.