ޚަބަރު

ކުށް ސާބިތުކުރެވޭނެ ގޮތެއް ނެތްކަމަށް ނިންމައި އަލީ ވަހީދުގެ ދައުވާތައް އަނބުރާގެންގޮސްފި


ޓޫރިޒަމް މިނިސްޓްރީގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ މިނިސްޓްރީގެ ކުރީގެ ވަޒީރު އަލީ ވަހީދަށް ކުރި ޖިންސީ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ލިބޭނެ ގޮތެއް ނެތްކަމަށް ބަލައި އެ ދަޢުވާތައް ޕީޖީން އަނބުރާ ގެންގޮސްފިއެވެ.

ބޭސްފަރުވާއަށްކަމަށް ވިދާޅުވެ 2021 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވީ، އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ނެތިގެން ކޯޓުން ސެޕްޓެމްބަރު 22، 2022 ގައި ދައުވާތައް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ރާއްޖެއަށް އައުމުން އަލުން ހުށަހަޅަން ބުނެ އެ މައްސަލަ އޮކްޓޫބަރު 6، 2022 ގައި ޕީޖީ އޮފީހުން އަލުން ފުލުސް އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އެ މައްސަލަ ކުރިއަށް ނުގެންދަން ޕީޖީން ނިންމީ މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙުޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ. އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް އޭނާ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވި ފަހުން އެނބުރި ވަޑައިގެންފައި ނުވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ނުވެގެން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ.

ޕީޖީން ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމެވި ނިންމުމާ އެކު، އޭނާ ފުރައިގެން ދިއުމުން އަލީ ވަހީދު ރާއްޖެ ގެނައުމަށް އެކި ގޮތް ގޮތުން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ރާއްޖޭގެ ހައި ކޯޓާއި ސުޕްރީމް ކޯޓްގައި ވެސް މަސައްކަތްކޮށްފައިވާނެ ކަމަށް ޕީޖީން ވިދާޅުވެއެވެ.

މި މައްސަލަ އަވަސް މިނެއްގައި ހިންގުމާއި މައްސަލަ ނުހިންގިއްޖެނަމަ، އަނިޔާ ލިބުނު މީހުންނާއި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުޞަތު އޮތް މިންވަރު ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށް ޕީޖީން ވިދާޅުވެފައިވެއެވެ. ނަމަވެސް މައްސަލަ އަލުން ހުށަހެޅުމަށް ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙްޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށް މައްސަލަ އަނބުރާ ގެނައުމަށް ނިންމި ނިންމުމައި ގުޅޭގޮތުން ޕީޖީން ވިދާޅުވިއެވެ.

ޕީޖީން ވިދާޅުވީ، އެ އޮފީހުން އަނިޔާ ލިބުނު މީހުންނާއި ހެކިންނާ ބައްދަލުކޮށް ކުރިއަށްދާނެ ގޮތް ސާފުކޮށްފައިވާނެ ކަމަށެވެ. އެމީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުޞަތު އޮތްތޯ ބެލިއިރު ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީޖީ އޮފީހުން އަލީ ވަހީދަށް ކުރެއްވި ދަޢުވާތައް އަނބުރާ ގެންދިއުމަށް ނިންމި ނަމަވެސް ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އެބައޮތެވެ.