ޚަބަރު

ކެމްޕެއިނަށް، ޢީދު ބަންދަށްފަހު ރައީސް އަތޮޅުތަކަށް ވަޑައިގަންނަވަނީ


އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީ މަރަދޫއަށް ވަޑައިގަތުން / ފޮޓޯ: ރައީސް އޮފީސް

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފަށްޓަވާނެކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅުއްވާފައިވަނީ އެޕާޓީގެ ތެރޭގައި ބޭއްވު ރިޔާސީ ޕްރައިމަރީއަކުންނެވެ. މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީވެސް މެއެވެ.

ރިޔާސީ ޕްރައިމަރީއަށްފަހު ކެމްޕެއިން ހަރަކާތްތައް އެމްޑީޕީން ދަނީ މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދަމުންނެވެ. މިދަތުރުތަކުގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ދިނުމެވެ.

ރައީސްގެ އަމާޒު، މީހުން ދިރިއުޅޭ ހުރިޙާ ރަށަކަށް ވަޑައިގަތުން:

އެމްޑީޕީގެ ކެމްޕެއިން ދަތުރުތައް ރޭވިފައިވާ ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބް އިބްރާހީމް ވަޙީދު ވިދާޅުވީ، ދަތުރުތައް މިހާރުވެސް ހުއްޓުމެއްނެތި ކޮންމެ ހަފްތާއަކުވެސް ކުރަމުންދާކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ޢީދު ބަންދަށްފަހު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއިއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕެއިން ދަތުރުތައް ކުރަން ހަމަޖެހިފައިވާކަމަށެވެ.

ރައީސްގެ ޢަމާޒަކީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުންކަމަށް އިބުރާހިމް ރަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ފަށާ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމުގެ ދަތުރުގައި ކެމްޕޭން ޓީމެއް ފުރުމަށް ތައްޔާރުވެފައި / ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުންވެސް އޮންނާނީ ޢީދު ބަންދަށް ފަހުގައިކަމަށެވެ. ނަމަވެސް އަދި ކެމްޕެއިން ލޯންޗުކުރުމަށް ވަކި ރަށެއް ކަނޑައެޅިފައި ނުވާކަމަށެވެ.

މެނިފެސްޓޯގެ މަސައްކަތްވެސް ނިމުމަކާއި ގާތަށް:

އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ހުށަހަޅާ ވައުދުތަކާއި، ކޮށްދޭނެ ކަންކަމުގެ މައްޗަށް ބިނާކޮށް އެކުލަވާލާ މެނިފެސްޓޯގެ މަސައްކަތްވެސް މިހާރު އޮތީ ނިމުމަކާއި ގާތްވެފައެވެ. ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްކުރެވި މިހާރު ކުރަމުންދަނީ މެނިފެސްޓޯއެއްގެ ސިފައިގައި އެކުލަވާލުމުގެ މަސައްކަތް ކަމަށް ވަހީދު ވިދާޅުވިއެވެ.

މެނިފެސްޓޯ އެކުލަވާލާއިރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭއާއި އަދާލަތު ޕާޓީގެ ހުށަހެޅުންތަކަށްވެސް ރިޢާޔަތް ކުރާނެކަމަށް ވަހީދު ވިދާޅުވިއެވެ. އަދި މި މެނިފެސްޓޯއަކީ ކޯލިޝަން މެނިފެސްޓޯއަކަށް ވެގެންދާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުން / ފައިލް ފޮޓޯ: މުޙައްމަދު ވަޙީދު، ޕީއެސްއެމް ނިއުސް

އެހެން ޕާޓީތަކުންވެސް ކެމްޕެއިން ދަތުރުތަކަށް ތައްޔާރުވަނީ:

ވެރިކަން ކުރާ މައި ޕާޓީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީންވެސް ދަނީ އީދު ބަންދަށްފަހު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަކުރައްވާއިރު، ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް ޔާމީނެވެ. ނަމަވެސް ރައީސް ޔާމީން ތަންފީޒު ކުރަމުންދާ 11 އަހަރު ޖަލު ހުކުމަށް މަތީ މަރުހަލާގެ ކޯޓުތަކުން ވަކި ގޮތެއް ނުނިންމާނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޖާގައެއް ނެތެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަދާކުރެއްވުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް، ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމަށް އެރުވުން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

އިންތިޚާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝެނަލް ޕާޓީ، އެމް.އެން.ޕީގެ ކެނޑިޑޭޓް މުޙައްމަދު ނާޡިމާއި، އެޕާޓީން ގެންދަވަނީ މިހާރުވެސް ކެމްޕެއިން ދަތުރުތައް އަތޮޅުތަކަށް ކުރައްވަމުންނެެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލައްވާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވައި 9 އޯގަސްޓްގައި އިޢުލާންކުރައްވާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރެއްވުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށްވެސް ވަނީ ނިންމަވާފައެވެ.