ޚަބަރު

ފުއްގިރި 4 ލައްކަ ޑޮލަރަށް ދޭން ރައީސް ޔާމީން އުޅުއްވުމުން، ހުއްޓުވިން: އަދީބު


ފުއްގިރި އެންމެ 4 ލައްކަ ޑޮލަރަށް ދެއްވަން ރައީސް ޔާމީން އުޅުއްވުމުން، އެކަން ހުއްޓުވާފައިވާނެ ކަމަށް މިމުޢާމަލާތް ހިނގިއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބް ޢަބްދުލް ޢަފޫރު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ތެރެއިން ހިންގި ފުއްގިރީގެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.

ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގާފައިވާ ކަމަށް ބުނާ ޚިޔާނާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުއްލަވާފައިވަނީ މަނީ ލޯންޑަރިންގެ ދަޢުވާއާއި ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދަޢުވާއެވެ. ކްރިކް ރިޟާގެ މައްޗަށާއި، ސަން އިންވެސްޓް މަންޓަށް އުފުއްލަވާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދަޢުވާއެވެ.

މިމައްސަލައިގައި ކުރިއަށްދާ ހެކިބަސް ނެގުމުގެ މަރުހަލާގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ޓޫރިޒަމް މިިނިސްޓަރުކަން އަދި އޭގެ ފަހުން ނައިބް ރައީސް ކަން ކުރެއްވީ ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތީންކަމަށެވެ. ނައިބް ރައީސްކަމުގައިވެސް ޓޫރިޒަމް މިނިސްޓްރީގެ ކަންކަން ބެލެހެއްޓެވީ ސީދާ ރައީސް ޔާމީން އެގޮތަށް ބޭނުންފުޅުވުމުން ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ދުބާއީ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅުއްވާ އިންޑިއާ ބަޔަކާ ބައްދަލުކުރީ ރައީސް ޔާމީންގެ އެންގެވުމަކަށް ކަމަށެވެ. އޭގެ ފުރަތަމަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުވެސް ބައިވެރިވެވަަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވި އިބްރާހިމް ރަޝީދަކީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ކަމަށެވެ.

އެ ރަށް ކުއްޔަށް ހިފަން ބޭނުންވާ އިންޑިއާގެ ވަރަށް ވަރުގަދަ ވިޔަފާރިވެރިންތަކެއް އަންނާނެ ކަމަށާއި ރަށް 2.5 މިލިއަން ޑޮލަރަށް އެމީހުންނަށް ދިނުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސީދާ ރައީސް ޔާމީން އެންގެވި ކަމަށް އަދީބް ވިދާޅުވިއެވެ.

ނަމަވެސް, ރ. އަތޮޅުގެ އެހެން ރަށްރަށް ފަސް މިލިއަން ޑޮލަރާ ގާތް ކުރާ އަގުތަކަށް ދޫކޮށްފައިވާތީ 4 ލައްކަ ޑޮލަރު މާބޮޑަށް ވެސް ކުޑަވާނެތީ، އެ އަގުގައި ދޫކުރުމަށް އެމްއެމްޕީއާރުސީން ތައްޔާރުކުރި ސިޓީއެއް ވެސް ނުފޮނުވައި އަދީބު ހިފެހެއްޓެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަގު ތިރިކޮށްގެން ނޫނީ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަން އޮތް ކޮމިޝަން ބޮޑުކުރެވޭނެ ގޮތެއް ނެތްކަމަށް ޔާމީން ވިދާޅުވިކަމަށެވެ.

އަދީބް ވިދާޅުވީ ކޮމިޝަން ފައިސާ ޖަމާވުމުން ލަސްވެގެން 1.55 މިލިޔަން ޑޮލަރަށް އަގު ބަދަލު ކުރެއްވިކަމަށެވެ. ނަމަވެސް އޭގެ ފަހުންވެސް 4 ފަހަރެއްގެ މަތީން ސޮއިކުރުން ލަސްކުރަން ޖެހުނުކަމަށެވެ. ފުއްގިރި ކުއްޔަށް ދޫކުރަން އެއްބަސްވި 1.55 މިލިޔަން ޑޮލަރު ދެއްކުމަށް އެއްބަސްވީ ދެބަޔަކަށް ބަހާލައިގެންކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ މިކަމުގައި ކޮމިޝަން ފައިސާ އާއި ގުޅޭގޮތުން ރައީސް ޔާމީނާއި ސުވާލު ކުރައްވާފައިވާކަމަށާއި، އޭގެ ޖަވާބުގައި އެކަމާއި ހާސްނުވުމަށް ރައީސް ޔާމީން ވިދާޅުވިކަމަށެވެ. ކޮމިޝަން ފައިސާ ސިޔާމް ހަމަޖައްސަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމާއި ފަހުން ނުވިސްނަވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވި ގޮތުގައި އެ މުއާމަލާތް ހަމަޖެއްސުމުގައި އިންވެސްޓަރުން ފަހުން ލިޔެކިޔުމެއް ވެސް ނުފޮނުވައެވެ. ހުރިހާ ކަމެއް ވެސް ހަމަޖައްސަމުން ދިޔައީ ރައީސް ޔާމީން އަންގަވައިގެން ކްރިކް ރިޒާ މެދުވެރިކޮށް ކަމަށް އަދީބު ވިދާޅުވިއެވެ.

ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރައްވައެވެ.