ވިޔަފާރި

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަރަޖަކޮށް ސެޓްފިކެޓްދީފި


ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދުގެ ދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަރަޖަކޮށް 10 ފަރާތަކަށް އޭ ގްރޭޑް ސެޓްފިކެޓްދީފިއެވެ.

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދަށް ފެތޭ ތަންތަނުގެ ތެރެއިން އޭ ގްރޭޑަށް ފެތޭ ތަންތަނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.

މިކަމަށްޓަކައި ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ކާބޯތަކެތީގެ ސާފުތާހިރުކަމުގެ ވަކި މިންގަނޑެއް ގާއިމުކުރީ ރޯގާއާއި އެފަދަ ބަލިތަކުން ރައްޔިތުން ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ މިންގަނޑާއި ޚިލާފުވާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް، ކެންޓީން އަދި ބަދިގެ ފަދަ ތަންތަނާމެދު ފިޔަވަޅު އަޅަނީވެސް ރައްޔިތުންގެ ސަލާމަތަށްޓަކައިކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޖުމްލަ 1079 ތަނެއް އެ ޤަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އެއީ މާލޭސިޓީ ސަރަހައްދުގެ 396 ތަނަކާއި އަތޮޅުތެރޭގެ 683 ތަނެއް ކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ހެލްތް މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، އެފަދަ ޤަވާއިދެއް ޤާއިމުކުރެވިގެން ދިޔައީ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. އަދި ޞިއްޙީ ދާއިރާ ކުރިއަރާނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރައްކާތެރި ކުރުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު، ވަގުތީ ގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށްވެސް ޤަވާއިދެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދުގައި ބުނާ ގޮތުން، ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރެންޓް، ކެންޓީން އަދި ބަދިގެ ފަދަ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި އަލުން ރަޖިސްޓްރީކޮށް ކާބޯތަކެތި އުފައްދައި ތައްޔާރުކޮށް ވިއްކުމުގެ ހުއްދަ ނަގަންޖެހެއެވެ. އަދި އަތޮޅުތެރޭގައި އެފަދަ ޚިދުމަތް ދޭ ތަންތަނުން އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލް ނުވަތަ އެރަށެއްގެ ސިއްޙީ މަރުކަޒު މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.