ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރައްވަން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ބަހުސް ކުރެއްވުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރައްވައިފިއެވެ.
މަޖިލީހުގެ ނާއިބް ރައީސްކަމުގެ މަޤާމުން އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމެވި ނިންމެވުމާއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ 50 މެމްބަރުންގެ ސޮޔާއެކުއެވެ. މަޖިލީހުގެ ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވުމުންނެވެ.
އީވާގެ މައްސަލަ މިހާތަނަށްވެސް އެޖެންޑާ ނުކުރެވި ވަނީ، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި، ޢާންމު ކޮމެޓީން ކަނޑައަޅަންޖެހޭ ވަގުތު ކަނޑައެޅިފައި ނެތުމުންނެވެ. މާދަމާގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާ ކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން އީވާއަށް ދިން ނޯޓިސް މިއަދަށް ހަމަވުމާއި ގުޅިގެންނެވެ.
ގަވާއިދު ބުނާގޮތުން މާދަމާގެ ޖަލްސާއަށް މިމައްސަލަ އެޖެންޑާ ކުރަންޖެހެއެވެ. މާދަމާގެ ޖަލްސާއަށް އެޖެންޑާކުރައްވާފައިވާ ހަމައެކަނި މަސައްކަތަކީވެސް މިމަސައްކަތް ކަން ފާހަގަކޮށްލެވެއެވެ. މިމައްސަލައިގެ ބަހުސް ކުރުމަށް އެޖެންޑާ ކުރައްވާފައި ވީނަމަވެސް ޢާންމުކޮމެޓީން އަދި މިހާތަނަށް މިމައްސަލާގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅުއްވާފައިނުވެއެވެ.
މަޖިލީހުގެ އަމީން އާންމުވަނީ މިމައްސަލާގައި މަޖިލީހުގެ ނައިބް ރައީސް އީވާއަށް ދެއްވި 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވެފައި ވާތީ، އެމައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެކަމަށް މަޖިލީހުގެ މެމްބަރުންނަށް ފޮނުވި ސިޓީގައި ދަންނަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީގައި ޢާންމުކޮމެޓީ ބާއްވައި ވަގުތު ކަނޑައެޅުއްވުމަށް ދަންނަވާފައެވެ. ނަމަވެސް އެމަސައްކަތް އަދި ކުރެވިފައި ނުވެއެވެ.