މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެތެރޭގައި ޗައިނާއާއި ރަޝިޔާ ދެމެދު 90 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާކަމަށް ޗައިނާގެ ކަމާއިބެހޭ އިދާރާތަކުން ބުނެފިއެވެ.
ޗައިނާގެ ކަސްޓަމްސް އިދާރާއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީމަހުން މޭމަހުގެ ނިޔަލަށް ޗައިނާއާއި ރަޝިޔާއާ ދެމެދު ވިއްކި މުދަލާއި ދެވުނު ހިދުމަތްތަކުގެ އަގު 93.8 ބިލިއަން ޑޮލަރަށް އަރައެވެ.
މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި ޗައިނާއާއި ރަޝިޔާއާ ދެމެދު 93.8 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 40.7 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މޭމަހުގެ ނިޔަލަށް ޗައިނާއިން ރަޝިޔާއަށް 42.9 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ. މިއީވެސް މިދިޔަ އަހަރާއި އަޅާބަލާއިރު 75.6 އިންސައްތައިގެ އިތުރުވުމެކެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި އިގްތިސާދުތަކުގެ ދޮރުތައް ރަޝިޔާއަށް ވަނީ ބަންދުވެފައެވެ. ނަމަވެސް ހުޅަނގުގެ ނުފޫޒެއް ނެތް އަދި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދުކަމަށްވާ ޗައިނާއިން ދަނީ އެ ގައުމާއެކު ގާތް ގުޅުމެއް ބާއްވާ އަވަށްޓެރި ރަޝިޔާއަށް އެހީތެރިވަމުންނެވެ. އެއާއެކު ޗައިނާއާއި ރަޝިޔާއިން ކުރާ ވިޔަފާރި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޗައިނާއާއެކު ވިޔަފާރީގެ އެންމެ ގިނަ މުއާމަލާތްތައް ހިންގާ ގައުމަކަށްވެސް ރަޝިޔާ ވަނީ ވެފައެވެ.
ޗައިނާ އާއި ރަޝިޔާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިވަމުންދާއިރު ރަޝިޔާއިން ލަފާކުރަނީ ޗާއިނާއެކު ހިންގާ ވިޔަފާރީގެ އަގު މިއަހަރު 200 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެކަމަށެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ޗައިނާއާއި ރަޝިޔާގެ ވިޔަފާރީގެ ގުޅުން ރަނގަޅުވިނަމަވެސް، އެ މުއްދަތުގައި ޗައިނާއާއި އެހެން ބައެއް ގައުމުތަކާއި ދެމެދު ހިންގި ވިޔަފާރި ވަނީ ދަށަށްގޮސްފައެވެ. އެގޮތުން އެންމެ ދަށަށް ދިޔައީ ދެކުނު ކޮރެއާ، ޓައިވާން، ނިއުޒިލޭންޑު އަދި އެމެރިކާއާއެކު ޗައިނާއިން ހިންގާ ވިޔަފާރިތަކެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު ހިންގި ވިޔަފާރި މިިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަަމަ 5 މަސް ދުވަހުގެ ތެރޭގައި ވަނީ 12.3 އިންސައްތަ ދަށްވެފައެވެ. އަދި ޓައިވާނާއެކު ޗައިނާއިން ހިންގި ވިޔަފާރި ވަނީ 25 އިންސައްތަ ދަށަށްގޮސްފައެވެ.