ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މަސައްކަތް ހުއްޓުވޭނެ ހާލަތެއް ނެތްކަމަށާއި، ކޮމިޓީތަކުގެ މަސައްކަތް ފަށައި، މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަންޖެހޭކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.
މްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކޮށް، އެކަމާއި ގުޅޭ ޤަރާރަށް ބަހުސް ފަށާނެކަމަށް މެމްބަރުންނަށް އެނގި ނަމަވެސް، އެ މައްސަލަ ފަސްކޮށްފައިވާކަމަށް މަޖިލީހުން މިހާރު އަންގަވާފައިކަމަށެވެ.
މިމައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި މަޖިލީހުގެ 56 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލާފައިވާ މިދަނޑިވަޅުގައި މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ނުގޮސް އޮތުމަކީ ކަންބޮޑުވުމެއްކަން ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ ކޮމެޓީތަކެއްކަން މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.
"ކޮމެޓީތައް އުވިގެން މަސައްކަތް ހުއްޓިގެން ނުދޭ. މަސައްކަތް ހުއްޓޫވާލެވޭ ގޮތަށްނޫން މަޖިލީހުގެ ގަވާއިދާއި ހަމަތަށް ޤާއިމްވެފައި އޮތީ. ހަގީގަތުގައި އަޅުގަނޑުމެންނެއް ނުޖެހޭ މަޑު ކޮށްގެން ވާހަކަ ދައްކާކަށްވެސް. މަޝްވަރާގެ ވާހަކައެއްވެސް ގަވާއިދުގައި އޮތީއެއް ނޫން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވަނީ މަޖިލީޙުގެ ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ވަގުތު ކަނޑައެޅޭނެ މަގު ފަހިކޮށްދެއްވުމަށް،
މަޖިލީހުގެ ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށްވެސް އަމީން ޢާންމު ނިއުޝާއަށް ގޮވާލާފައެވެ.
މިމައްސަލަ ކުރިއަށް ގެންދަން ޖެހޭ ސަބަބީ އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު، އެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާތީކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި ގިނަ ދުވަސްތަކެއް ވަމުންދާއިރު ކޮމިޓީތަކުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައް ނުނިމޭތީ ސަރުކާރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.