ރާއްޖެއަށް ބައެއް ބާވަތްތަކުގެ ޕްލާސްޓިކް އެތެރެކޮށް ބޭނުންކުރުން ހުއްޓުވައިފައިވީނަމަވެސް އޭގެ ސަބަބުން ދިރިއުޅުމުގެ އެއްވެސް ކަމަކަށް ނޭދެވޭ އަސަރެއް ނުކުރާކަމަށާއި، މިއީ ތަރައްޤީއަށް އޮތް ހުރަހެއް ނޫންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދަޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން، ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މަނާކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު މީގެތެރެއިން 12 ބާވަތެއް އެތެރެކުރުން ހުއްޓައިލާފައިވާއިރު، އޭގެ ސަބަބުން ޢާއްމުންގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން 12 ބާވަތެއް މިހާރު ބޭނުންކުރުން ހުއްޓާލައިފިން. އޭގެސަބަބުން ދިރިއުޅުމުގެ އެއްވެސް ކަމަކަށް ހުރަސް އެޅިގެނެއް ނުދޭ. މީގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށް މާބޮޑު ބަދަލެއްވެސް ނާދޭ. އަދި މީގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށްވެސް ހުރަހެއް އެޅިގެން ނުދާނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާންނައިރު، އޭގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ވެސް ހުރަހެއް އެޅިގެން ނުދާނެކަން މިއަދު ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން ޕްލާސްޓިކާ ނުލައި އުޅެވިދާނެކަން މީގެއިން ހާމަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައިގެން ސްކޫލް ކުދިން ތައްޔާރުކޮށްފައިވާ ވީޑިއޯތަކުން އެކަނިވެސް ރާއްޖޭގައި ޕްލާސްޓިކްގެ މައްސަލަ އޮތް މިންވަރު ހާމަވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖެއަށް ޕްލާސްޓިކް ނޫންގޮތެއް ކޮންމެހެންވެސް ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ތިމާވެށީގެ ދުވަސް ފާހަގަކުރައްވަން ބޭއްވެވި ރަސްމިއްޔާތުގައި ވަނީ މިއަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި އުކުޅަހުގެ ޚާއްޞަ ބްރޭންޑެއްގެ ދަށުން ތިމަވެށްޓާއި ރައްޓެހި އުފެއްދުންތައް ތައްޔާރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އަންހެނުން ކުރިއަރުވާ ކޮމެޓީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިވަޑައިގެން ހިންގެވި ކެންވަސް ބޭގް ފަހަން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނާ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން އުފައްދާފައިވާ 500 ކެންވަސް ބާޒާރު ކޮތަޅު އުކުޅަހުގެ ގޭބިސީތަކަށް ހަދިޔާކުރުމަށްޓަކައި ރަށު ކައުންސިލާ ވެސް މިރަސްމިއްޔާތުގެ ތެރެއިން ވަނީ ޙަވާލުކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އުކުޅަހުގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއަރުވާ ކޮމިޓީގެ މެދުގައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ އުކުޅަހުގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ބާވަތްތައް ބޭނުންކުރުމަށް ބާރުއެޅުމާއި އެކަމުގައި އެހީތެރިވުމުގެ ފަހުމުނާމާއެކެވެ. ތިމާވެށީގެ ދުވަސް ރަސްމީގޮތުން ސަރުކާރުން މިފަހަރު ފާހަގަކުރެއްވީ އއ.އުކުޅަހުގައެވެ.