ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައާއި، މަޖިލިސް ހިންގެވުމުގައި މަޖިލީހުގެ ރިޔާސަތުން ޢަމަލު ކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށާއި، މިކަމުގައި ބޮޑެތި ކަންބޮޑުވުން ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުން ޖަލްސާ ކުރިއަށް ގެންދެވުމުގައިވެސް އަދި ޖަލްސާ ނިންމާލެއްވުމުގައިވެސް ޢަމަލު ކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދާއި، އުސޫލުތަކާއި ޚިލާފަށް ކަމަށެވެ.
މަޖިލީހުގެ މުޅި ޖަލްސާ ދިޔައީ ނިޒާމު ގެއްލިފައިވާ ޖަލްސާއެއްގެ ގޮތުގައެވެ. މިޖަލްސާގެ މިއަދު މެންދުރުފަހުގެ ދަންފަޅި ނިންމާލެއްވީވެސް މަޖިލީހުގެ ނިޒާމު ގެއްލިފައިވާތީ އެކަން އިއުލާންކުރެއްވުމަށްފަހުއެވެ. އޭރު ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕްގެ ސްޕޯކްސް ޕާސަން އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގުވަނީ މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލުވާލާ މަޖިލިސް ހުއްޓުވާލެއްވީ އިދިކޮޅު މެންބަރުންނާއި މަޖިލީހުގެ ރައީސް ގުޅިވަޑައިގެން ކަމަށް ތުހުމަތުކުރައްވާފައެވެ.
މަޖިލީހުގައި މިއަދު އިދިކޮޅު މެންބަރުން ގޮނޑިކޮޅުން ތެދުވެ ރިޔާސަތުގެ މޭޒުކޮޅުގެ ކައިރިއަށް އަދި ބަންޑާރަނައިބާ ވަރަށް ގާތަށް ވަޑައިގެންނެވި ނަމަވެސް އެ މެންބަރުންނަށް އެއްވެސް ފިޔަވަޅެއް ރިޔާސަތުން ނާޅުއްވަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރަކު ގޮނޑިކޮޅުން ތެދުވެވަޑައިގަންނަވާއިރަށް އެ ބޭފުޅެއްގެ ނަން އިއްވާ ހިސާބަށް ކަންކަން ގެންދެވި ކަމަށްވެސް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕް ގަބޫލުކުރާ ގޮތުގައި މިއޮތީ ވަރަށް ބޭ އިންސާފުން ރިޔާސަތުން ކަންތައްކުރައްވާފައި." މެމްބަރު ޝަފީގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވާއިދާއި ޒަމާންވީ އުސޫލުތަކާ ވެސް ޚިލާފަށް އަމަލުކުރައްވަމުން ގެންދެވި ކަމަށް މިއަދު ފާހަގަކުރެއްވުނު ކަމަށެވެ. އެގޮތުން މިއަދުގެ ޖަލްސާއަކީ ވަޒީރުންނާއި ސުވާލުކުރެއްވުމަށް މެންބަރުންނަށް ލިބިވަޑައިގަންނަވާ ފުރުސަތު ގޮތަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ. އޭގެބަދަލުގައި މިއަދުގެ ޖަލްސާއަކީ ބަންޑާރަނައިބްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފައިވާތީ އެމަނިކުފާނަށް ގާނޫނު އާސާސީން ލިބިދޭ ޖަވާބުދާރީވުމުގެ ހައްގުގެ ބޭނުން ހިފަން އޮތް ޖަލްސާއެއް ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދުވެސް ބޭނުންވީ މިއަދުގެ ޖަލްސާއަކީ ވަޒީރުންނާ ސުވާލުކުރެއްވުމަށް ބާއްވާ ފަދަ ޖަލްސާއަކަށް ހެއްދެވުމަށް ކަމަށެވެ. މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވައިދާ ޚިލާފަށް ތަކުރާރުކޮށް އަމަލުކުރެއްވި ނަމަވެސް އެމަނިކުފާނު މަގާމުން ވަކިކުރެއްވުމާ މެދު ގޮތެއް ނިންމެވުން ލަސްވަނީ އެމަނިކުފާނަކީ އެމްޑީޕީގެވެސް ރައީސް ކަމަށްވާތީ ކުރާ އިހްތިރާމެއްގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.