ޔޫރަޕިއަން ޔޫނިއަން، އީޔޫއާއެކު ކުރިއަށްގެންދާ ވިޔަފާރީގެ މަޝްވަރާތާއް މަޑުޖައްސާލަން އިންޑޮނޭޝިއާ އަދި މެލޭޝިއާއިން ނިންމައިފިއެވެ.
ވިޔަފާރީގެ މަޝްވަރާތައް މަޑުޖައްސާލަން ނިންމީ އީޔޫއިން އެންމެފަހުން ފާސްކުރި ޑީފޮރެސްޓްރޭޝަން ގާނޫނުގެ ސަބަބުން ޕާމް އޮއިލް ވިޔަފާރީގައި ހަރަކާތްތެރިވާ އިންޑޮނޭޝިއާާއާއި މެލޭޝިއާގެ ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުމުންނެވެ.
ނިންމީ އީޔޫއިން ދާދިފަހުން އެކަށައެޅި ޖަންގަލިތަކުގެ ގަސްތައް ކަނޑައިގެން ދަނޑުހެއްދުން މަނާކުރުން ނުވަތަ ޑީފޮރެސްޓްރޭޝަން ގާނޫނުގެ ސަަބަބުން، ޖަންގަލިތަކުން ގަސްތައް ކަނޑައި ހުސްކޮށްގެން ހަދާ ދަނޑުތަކުން ނެރޭ އުފެއްދުންތައް އީޔޫއަށް އިމްޕޯޓު ކުރުމަކީ މަނާކަމެކެވެ.
މެލޭޝިއާގެ ބޮޑު ވަޒީރުގެ ނާއިބު ފަދުﷲ ޔޫސުފާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން އީޔޫގެ ގާނޫނަކީ އެ ދެ ގައުމަށްވެސް ވެވޭ ވަރަށް ބޮޑު ނާއިންސާފެއް ކަމަށާއި، ހާއްސަކޮށް ދެ ގައުމުގެ ކުދި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ގެއްލުން ވާނެކަމަށް ޔޫސުފް ވިދާޅުވިއެވެ.
ޑީފޮރެސްޓްރޭޝަން ގާނޫނުގެ ސަބަބުން ހުރި ކަންބޮޑުވުންތަކުގެ މައްޗަށް މަޝްވަރާކުރުމަށް ދެ ގައުމުންވެސް ވަނީ މި މަހުގެ ކުރީކޮޅު އީޔޫއަށް އޮފިޝަލުން ފޮނުވާފައެވެ.
ޕާމް އޮއިލްގެ އިތުރުން ޑީފޮރެސްޓްރޭޝަން ގާނޫނުގެ ދަށަށް ފެތޭ އެެހެން ބާވަތްތަކުގެ ތެރޭގައި ޕާމް އޮއިލްގެ އިތުރުން، ކޮފީ، ގެރި މަސް، އަދި ސޯއީވެސް ހިމެނެއެވެ. މި އުފެއްދުންތައް އިމްޕޯޓުކުރެވޭނެ ހަމައެކަނި ގޮތަކީ މި ތަކެތި އުފައްދާފައި ވަނީ ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ޖަންގަލިތަކުގެ ގަސްތައް ކަނޑައިގެން ނޫންކަން ޔަގީންކޮށްދިނުމެވެ.
އިންޑޮނޭޝިއާއާއި މެލޭޝިއާއަކީ ދުނިޔޭގެ އެންމެ ގިނައިން ޕާމް އޮއިލް އުފައްދާ ދެ ގައުމެވެ. މުޅި ދުނިޔޭގެ ޕާމް އޮއިލް އެކްސްޕޯޓުގެ 85 އިންސައްތަ ހިއްސާ ކުރަނީ މި ދެ ގައުމުންނެވެ. އަދި އީޔޫ އަކީ ޕާމް އޮއިލްގެ 3 ވަނައަށް އެންމެ ބޮޑު މާކެޓެވެ.
ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން ޕާމް އޮއިލް އުފެއްދުމަށް ޖަންގަލީގެ ގަސްތައް ކެނޑުން އޭޝިއާގައި ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ހާއްސަކޮށް އެ ސަރަހައްދުގެ އެންމެ ބޮޑު އިގްތިސާދު އޮންނަ ގައުމު އަދި ދުނިޔޭގައި ކާބަން ޑައިއޮކްސައިޑް އެންމެ ގިނައިން ދޫކުރާ އެއް ގައުމު ކަމަށްވާ އިންޑޮނޭޝިއާގައި މިކަން ވަނީ ވަރަށް ބޮޑަށް މަދުވެފައި ކަމަށް ހަބަރުތައް ބުނެއެވެ.