ވިޔަފާރި

ސިޓީ ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން 2 ބިން


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރަމުން ގެންދިޔަ ސިޓީ ހޮޓަލުގެ ބަދަލުގައި އެ ކުންފުންޏަށް 2 ބިމެއް ދޭން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

އެސްޓީއޯއިން 2012 ވަނަ އަހަރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަން ފެށި ސިޓީ ހޮޓަލުގެ މަސައްކަތް 2014 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި އެސްޓީއޯގެ އަހަރީ ޢާއްމު ޖަލްސާގައި ސިޓީ ހޮޓަލާ ގުޅޭގޮތުން ޢާއްމު ޙިއްޞާދާރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ، ސިޓީ ހޮޓަލުގެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް އެޗްޑީސީއާއެކު ސެޓެލްމަންޓް އެގްރިމަންޓަކަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން އެތަނަށް އިންވެސްޓްކުރި ފައިސާގެ ބަދަލުގައި ބިން ދިނުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

"މި އެގްރީމެންޓްގައި އަޅުގަނޑުމެން އިންވެސްޓުކުރި އަދަދާ ގުޅިގެން ލިބެންޖެހޭ ފައިސާގެ ބަދަލުގައި އެޗްޑީސީން ހުށަހަޅަނީ ބިން. އެކަމާވެސް މިތިބީ ދެ ފަރާތުން ވެސް އެއްބަސްވެގެން،" އޭނާ ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ އެސްޓީއޯއިން ތަރައްްޤީކޮށްފައިވާ ސިޓީ ހޮޓާ ބޭރުގެ ބަޔަކަށް ކުއްޔަށް ދޭން އެޗްޑީސީން ނިންމާފައިވާ ކަމަށެވެ. އަދި އެތަނުގެ ބަދަލުގެ ގޮތުގައި އެޗްޑީސީން އެސްޓީއޯއަށް 2 ބިން ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނާއި އާރބަންކޯއާ ދެމެދު ވެފައިވާ ސެޓަލްމަންޓް އެގްރީމަންޓްވެސް ވަނީ ނިމިފައި. ބަދަލުގައި އަޅުގަނޑުމެންނަށް ލިބެންޖެހޭ ބައި ފައިސާގެ ބަދަލުގައި އާރބަންކޯއިން މިދެއްވަނީ 2 ބިން. ބިން ހަވާލުކުރުމުގެ ލިޔެކިޔުމުގެ ކަންތައްތައް ނުނިމިގެން އަޅުގަނޑުމެންނާއި އެޗްޑީސީން މި ހޮޓާ ދޫކޮށްނުލެވި މިހުރީ. މި ޑީލް ވަނީ ނިމިފައި. ހަމައެކަނި ޕޭޕަރ ވޯކް މިއޮތީ" ސައީދު ވިދާޅުވިއެވެ.

މި ހޮޓަލުގެ ޢަމަލީ މަސައްކަތް ފެށީ 2012 ވަނަ އަހަރުއެވެ. އެ ހޮޓާ ބިނާކުރުމަށް ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ޚަރަދުކުރިނަމަވެސް އެ މަސައްކަތް 2014 ވަނަ އަހަރުގެ ތެރޭގައި ވަނީ ހުއްޓިފައެވެ.

އެސްޓީއޯއިން ވަނީ ހޮޓާ ހިންގާނެ ބަޔަކު ހޯދަން މިދިޔަ 10 އަހަރު ތެރޭގައި އެކި ފަހަރު މަތިން މަސައްކަތްކޮށްފައެވެ. ސިޓީ ހޮޓަލުގައި ނުނިމި ހުރީ ފިނިޝިންގެ މަސައްކަތެވެ. ރާނައި ސިމެންތި ޖަހައި ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ.