ވިޔަފާރި

ސްޓޯރީޓެލަރސް ކޮންފަރެންސް: ބިލިއަނަކަށްވުރެ ގިނަ މީހުންނަށް ރާއްޖެ އިޝްތިހާރުވާނެ


ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސްގެ ތެރެއިން ބިލިއަނަކަށްވުރެ ގިނަ މީހުންނަށް ރާއްޖެ އިޝްތިހާރުވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސްޓޯރީ ޓެލާރސް ކޮންފަރެންސް ފަށާފައިވަނީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓްރެވެލް ލިޔުންތެރިންނާއި، ނޫސްވެރިންނާއި، ބްލޮގަރުންނާއި، އިންފުލުއެންސަރުންނާއި، މީޑިއާތަކުގެ ތަޖުރިބާކާރުން ބައިވެރިވެއެވެ. މި ކޮންފަރެންސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުހޙައްމަދު ވިދާޅުވީ، އެމްއެމްޕީއާރުސީން ދަޢުވަތުދީގެން މި ކޮންފަރެންސްގައި ދުނިޔޭގެ 20 ޤައުމަކުން 80 ވަރަކަށް ފަރާތުން ބައިވެރިވެފައިވާކަމަށެވެ.

މި އިވެންޓް ކުރިއަށްދާނީ 5 ދުވަހުގެ މުއްދަތަށެވެ. އެގޮތުން ފުރަތަމަ ދުވަހު 3 ސެޝަނަކަށް ބަހާލައިގެން ބައިވެރިން ރާއްޖޭގެ އެކިއެކި ކަންކަން ތަރުޖިބާކުރާނެކަމަށް ޠައްޔިބު ވިދާޅުވިއެވެ. މުޅި މި އިވެންޓް ނިމިގެންދާއިރު ބިލިއަނަކަށްވުރެ ގިނަ މީހުންނަށް ރާއްޖެއާބެހޭ މައުލޫމާތު ލިބިގެންދާނެކަމަށް ޠައްޔިބު ވިދާޅުވިއެވެ.

”ފުރަތަމަ ސެޝަންގައި ރާއްޖޭގެ މަސްވެރިކަމާއި ގުޅޭ މައުލޫމާތާއި މަސް ކަނޑާގޮތުގެ މައުލޫމާތު ފިނޮޅެއްގައި ދައްކާލެވޭނެ. 2 ވަނަ ގްރޫޕް ދާނީ މުރަކަ އާލާކުރެވޭނެ ގޮތްތައް ބަލަން. 3 ވަނަ ގްރޫޕް މިތިބެނީ ކްރޮސްރޯޑް ބީޗްގައި އެއީ ރާއްޖޭގެ ހިސްޓްރީއާއި ގުޅޭ މައުލޫމާތު ދިނުމަށް. މާދަން 8 ގްރޫޕަކަށް ބަހާލައިގެން ރާއްޖޭގެ 8 ސަރަހައްދެއް ކަވަރ ކުރެވޭތޯ މިބަލަނީ“ ތައްޔިބު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވި ސީއެންއެންގެ ނޫސްވެރިއެއް ކަމަށްވާ އެލެނީ ގިއޮކޮސް ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރުކަމަށެވެ. އަދި ރާއްޖެ ޚާއްޞަވަނީ ހަމައެކަނި ޤުދުރަތީ ރީތިކަމުގެ ސަބަބުން ނޫންކަން ފާހަގަކޮށް އޭނާ ބުނީ ދިވެހިންގެ ހިތްހެޔޮކަމާއި މެހެމާންދާރީގެ ފުރިހަމަކަން މި ދަތުރުގެ ތެރެއިން އޭނާއަށް ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައިވެސް އޭނާ ރާއްޖެ އަންނާނެކަމަށް އެލެނީ ބުންޏެވެ.

“އަހަރެން ޢާއިލާއާއެކު އަދި ރާއްޖެ އަންނާނަން. ރާއްޖެއަކީ އަރާމުކޮށްލަން އެންމެ ކަމުދާ މަންޒިލް” އެލެނީ ބުންޏެވެ.

ދުނިޔޭގެ ހުރިހައި ޤައުމަކަށް ދަތުރުކޮށްފައިވާ މީހެއްކަމަށްވާ ޖެސިކާ ނަބޮންގޯ ބުނީ، މި ކޮންފަރެންސްގައި ބައިވެރިވެވުނީތީ އޭނާ ވަރަށް އުފާވާކަމަށެވެ. އަދި ރާއްޖެ އަންނަޖެހޭ ގިނަ އެތައް ސަބަބުތައް އެހެން މީހުންނަށް އޭނާ ކިޔާދޭނެކަމަށް ވެސް އޭނާ ބުންޏެވެ.

“ސްޓޯރީ ޓެލާރަސް ކޮންފަރެންސްގައި އަހަރެން ޤަބޫލުކުރާ ގޮތުގައި އެންމެ މުހިންމު އެއް ކަމަކީ ސަސްޓެއިނަބިލިޓީ. މޫސުމަށް އަންނަ ބަދަލުތަކަށް ބަލާއިރު މި މައްސަލައިގައި އަހަރެމެން އެންމެން މިއީ އެކަތިގަނޑެއް. މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް އަހަރެމެންނަށް ކޮށްދެވޭނެ ކަންކަންވެސް ހުރިކަމަށް އަހަރެން ގަބޫލުކުރަން.” ޖެސިކާ ބުންޏެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރ ކޮންފަރެންސްއަކީ އެމްއެމްޕީއާރުސީން މިހާތަނަށް ރާއްޖޭގައި ބާއްވާ ރާއްޖެ އިޝްތިހާރުުރުމުގެ އެންމެ ބޮޑު ޙަރަކާތެވެ. ޖޫން މަހުގެ 3 ވަނަ ދުވަހާއި ހަމައަށް މި ކޮންފަރެންސް ކުރިއަށްދާނެއެވެ.

މި ކޮންފަރެންސަކީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ އިތުރުން، ސަނީ ސައިޑް އޮފް ލައިފްގެ ފަތުރުވެރިކަމުގެ ތަފާތު ސެގްމަންޓްތަކާއި، އުފެއްދުންތަކާއި، ތަފާތު ތަޖުރިބާތައް ޕްރޮމޯޓް ކުރުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކޮންފަރަންސްގެ ސައިޑްލައިން ތަޖުރިބާތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ތަފާތުކަން ފެނި، އެ ސަރަހޙައްދުތައް ކުރިއެރުވުމުގެ ގިނަ ފުރުޞަތުތަކެއް ލިބޭނެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް މިކަމުގެ ސަބަބުން އެކި ފުރުޞަތުތައް ތަނަވަސްވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކޮންފަރެންސްގައި ސައިޑްލައިން ތަޖުރިބާތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ތަފާތު 8 ސަރަޙައްދެއްގައެވެ. މީގެ ތެރެއިން ކޮންމެ ސަރަހޙައްދެއްގައިވެސް ވަކި ސިފަތަކާއި ތަފާތު ޙަރަކާތްތަކާއި ތަޖުރިބާތައް ހިމެނޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި 8 ސަރަޙައްދަކީ ރ.އަތޮޅު، ގދ. އަތޮޅު، ދ.އަތޮޅު، ލ.އަތޮޅު، އަރިއަތޮޅު، ވ.އަތޮޅު، މާލެއަތޮޅު އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއެވެ.